ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާއިރު ބޭނުންކުރައްވާ ލޯންޗުކޮޅު ދުއްވަން، ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސް އިން އިއުލާނުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮންޓްރެކްޓް އުސޫލުން އެމްއެންޑީއެފް / ޕްރެޒިޑޭންޝަލް ގާޑްސްގައި މަސައްކަތް ކުރުމަށްޓަކައި، ލޯންޗު ދުއްވާނެ ކެޕްޓަނުންގެ ގޮތުގައި ތިން މީހަކު ހޯދަން އިއުލާނުކުރާ ކަމަށެވެ.
މިވަޒީފާގައި މުސާރައަށް -/6295 ރުފިޔާ އަދި އޭގެ އިތުރުން ސާވިލް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ ލިބޭނެއެވެ. އޭގެ އިތުރުން މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގަ ހުންނަޖެހޭ 5 ޝަރުތެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ.ބީ.ސީ، އަދި ޑީގެ ލައިސަންސް ލިބިފައިވުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އިންބޯޑު އިންޖީނުއެޅި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނިޔަމިކޯސް، ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވުން، އަދި އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުމާއި ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން އެއީ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ފެންވަރު ނުވަތަ ޝަރުތުތަކެވެ.
މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިންކަމެއް ވެއެވެ. އެއީ ރިޔާސީ ފްލީޓްގެ ބެލުމުގެ ދަށުގައިވާ ކަނޑުމަތީގެ އުޅަނދުތަކުގެ ކެޕްޓަނެއްގެގޮތުން މަސައްކަތްކުރުމާއި އުޅަނދުފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތައް ސުޕަވައިޒަރުންނަށް އެންގުމާއި، އަދި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރުމުގެ އިތުރުން ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުމެވެ.
މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗްގައި ފަޅުވެރިންގެ ގޮތުގައި އާންމުން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗްގައި ކެޕްޓަނުން ގޮތުގައި ވެސް އަދި ފަޅުވެރިންގެ ގޮތުގައި ވެސް އާންމުން ނުތިބޭ ގޮތައް ހަމަޖެއްސި ކަމަށް އޭރު ޑިފެންސް މިނިސްޓްރީން ވިދާޅުވެފައެވެ.
ފިނިފެންމާގައި ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޕްރެޒިޑެންޝަލް ގާރޑްސްގެ ނަމުގައި ހާއްސަ ޔުނިޓެއް ވެސް އުފެއްދިއެވެ.