824 ދަރިވަރުންނާ އެކު ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު ހުޅުވައިފި

824 ދަރިވަރުންނާ އެކު ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2022 09:44
0

824 ދަރިވަރުންނާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި “ކާމިލް ދީދީ ޕްރައިމަރީ ސްކޫލް" ނިސްބަތްވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.

މި ސްކޫލްއަކީ އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމަޔަށް ކިޔަވައިދޭނެ ސްކޫލްއެކެވެ. މި ސްކޫލުގައި ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅިއަކަށް އަދި ގްރޭޑް 1 ން 6 އަކަށް 2 ދަންފަޅިއަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 47 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އަދި 8 އިދާރީ މުވައްޒަފުންނާއި، 10 މަސައްކަތު މީހުންނާއެކު ޖުމްލަ 65 މުވައްޒިފުން މި ސްކޫލްގައި މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކާމިލްދީދީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލު ހުޅުުވުމާ އެކު ދެވަނަ ފިޔަވަހީގައި އާބާދުވި ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އަދި މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަ ޞަލާހުއްދީން ސްކޫލުގައިވެސް ކިޔަވައިދޭން ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10އަކާއި ހަމައަށް ކިޔަވައިދެނެ ސްކޫލެކެވެ. އަދި އެ ސްކޫލު ހުޅުވުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނެޓް ކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ.

– މިނިސްޓަރު ވިދާޅުވިއެވެ.

“ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ތަރައްޤީކޮށްފައިވަނީ ހިޔާ ޓަވަރު 3އާއި 4ގެ ކުރިމަތީއޮތް ހުސް ބިމުގައެވެ. މި ސްކޫލްގެ އެންމެބޮޑު ބޭނުމަކީވެސް ހިޔާ ފްލެޓަށް ބަދަލުވި، ޢާއިލާތަކުގެ ކުދިންނަށް ފަސޭހައިން ކިޔެވަން ދެވޭނެ މަގު ފަހިކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.