އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށަ ތާވަލުގެ ފަސްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއެވެ. ނަމަވެސް މި މެޗުގައި ލެސްޓަރ ފެނިގެންދިޔައީ އެހާ ވަރުގަދަ ކޮށެއް ނުނެވެ. އެގޮތުން ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ ރަނގަޅު އެންމެ ހަމަލާއެކެވެ.
މި މެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާދިނީ ޖޭޑަން ސަންޗޯއެވެ. ލެސްޓަރއަށް މިމެޗްގައި ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތަކަށް ވެގެންދިޔައީ ދެވަނަ ހާފްގައި ޖޭމްސް މެޑިސަން ޖެހި ހިލޭ ޖެހުމެވެ. މި ހިލޭޖެހުން ވަނީ ޔުނައިޓެޑްގެ ކީޕަރ ޑެވިޑް ޑެ ޑެއަރ ދިފާއުކޮށްފައެވެ. މެޗްގެ ފަހު ހާފްގައި ޔުނައިޓެޑަށް އަލަށް ސޮއިކުރި ކަސެމީރޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ ފަހު ވަގުތު ކޮޅުގެ ތެރޭގައި އަރާ ލަނޑެއް ޖެހުމާއި ގާތަށް ގޮސްފައެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް ވަނީ އެޓީމް އެންމެފަހުން ކުޅުނު ތިން މެޗް ކާމިޔާބުކޮށް ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑަށް މިހާރު ފަސް މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. އަދި ލެސްޓަރ އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.
މެޗަށްފަހު ލެސްޓަރގެ ސަޕޯޓަރުންގެ ފަރާތުން ހިތްހަމަ ނުޖެހުން ފެނިގެންދިޔައިރު އެޓީމްގެ ކޯޗް ބްރެންޑަން ރޮޖަރވެސް ވަނީ މިއީ މިދިޔަ ދެތިން އަހަރުގެ ލެސްޓަރ ނޫން ކަމުގައި ސިފަކޮށްފައެވެ. އަދި ޓީމް ވަރުގަދަ ކުރުމަށް އާކުޅުންތެރިންބޭނުން ވާ ކަމަށާއި ނަމަވެސް ކްލަބްގެ ވެރިންގެ ފަރާތުން އެހިތެރިކަން ލިބިފައި ނުވާކަމަށް ރޮޖަރސް ހާމަކުރިއެވެ.