ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް، "ނައިންޓީ ނައިން ހޯލްޑިން"އާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކޮށް، އެކުންފުންޏަށް ވިލިމާލެއިން ދީފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލާއި ހަވާލުކުރުމަށް، މާލެ ސިޓީ ކައުންސިލުން އެންގި އެންގުމަށް އަމަލުނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ސިޓީ ކައުންސިލުން ބުނެ އެ އެއްބަސްވުން އުވާލުމަށް އެކައުންސިލުން ފާސްކުރީ މިދިޔަ މަހުގެ 17ގައެވެ. ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް އިމްޕްރިންޓް ކުންފުންޏާއި 2013ގައި ހަވާލުކުރިއެވެ. ނަމަވެސް ކުންފުނިން ވަނީ ނައިންޓީ ނައިން ހޯލްޑިންއަށް 16 ޖެނުއަރީ 2014 ގައި އެ މަސައްކަތްތައް ހަވާލުކޮށްފައެވެ.
އެ ކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ސިޓީ ކައުންސިލުން ނިންމާ އެ ކުންފުންޏަށް ދީފައިވާ ބިން ހަތް ދުވަހުގެ ތެރޭގައި ހުސް ކުރަން އެންގި ސިޓީއާ ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް ސިޓީ ކައުންސިލަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނިން އެދުނެވެ. އެއްބަސްވުމުގައިވާ ގޮތުން ވެހިކަލް ހިދުމަތް ދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ވެހިކަލް ދުއްވުމުގެ ރޫޓްތަކާއި ވެހިކަލް ހުއްޓިތައް ގާއިމުކޮށްނުދީ، ކައުންސިލުން އެއްބަސްވުން ބާތިލުކުރަން ކަނޑައަޅާފައި ވަނީ އެ އެއްބަސްވުުމުގެ މަގްސަދާއި ގާނޫނާއި ހިލާފަށް ކަމަށްކަމަށް ޢަމުރުގައިވެއެވެ.
ނައިންޓީ ނައިން ހޯލްޑިން ކުންފުނިން އެދިފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް ހިދުމަތް ދެވޭނީ ކައުންސިލުން ވަކި ރޫޓެއްގެ ދަށުން ވެހިކަލް ހުއްޓިތަކެއް ހެދުމުން ކަމަށް ވިޔަސް އެކަން ނުކޮށްދޭތީ، ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުނުވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން އެއްބަސްވުމުގައި އެގޮތަށް އޮތަސް އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާތީ 5 ޖޫން 2018ގައި އެ ކުންފުންޏާއެކު ވި އެއްބަސްވުމަށް އިހުތިރާމު ކުރަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެކުންފުނިން ކޯޓުގައި އެދިފައިވެއެވެ. ހަމަ މިއާއެކު، ޓޫރިސްޓް ގެސްޓް ހައުސް ހަދައި، އެ ތަން އޮޕަރޭޓްކުރުމަށް އެ ކުންފުންޏާ އެކު ވެފައިވާ އެެއްބަސްވުން ވެސް މުއްދަތަށް ދެމެހެއްޓުމަށް ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
އެހެންކަމުން އެކުންފުނިން ވަގުތީ އަމުރަކަށް އެދުނީ،ބަގީގެ ހިދުމަތް ހުއްޓިއްޖެނަމަ، އެ ކުންފުންޏާއި ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ވެސް ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ބުނެއެވެ. އަދި މުވައްޒަފުންގެ ވަޒީފާތައް ގެއްލި، އެއްބަސްވުމުގެ ދަށުން ލިބޭނެ މަންފާވެސް އެއްވެސް އިހުމާލެއް ނެތި ގެއްލިގެން ދާނެތީއާއި، އެ ވެހިކަލްތައް ބޭނުންނުކޮށް، ގްރައުންޑް ކުރަންޖެހިއްޖެ ނަމަ، ފަހުން ބޭނުންނުކުރެވޭ ހާލަތެއް ކުރިމަތިވެ، އެ މައްސަލަ ކާމިޔާބުވާ ހާލަތެއްގައި އިންވެސްޓްމަންޓް އަލުން ކުރަން ޖެހުމުގެ ފުރުސަތު އޮތްކަމަށް ބުނެއެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް މެދުކަނޑާލާ ސިޓީ ކައުންސިލުން ނިންމާފައިވަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފެށުމަށެވެ. ވިލިމާލެއަކީ ތިމާވެއޓާއި ރަށްޓެހި ސިފަތަކެއް ގެންގުޅޭ އެފަދަ ވެހިކަލް އެކަނި ދުއްވުމަށް ހުއްދަ އޮންނަ އަވަށެކެވެ.
ކޮމެންޓު ފޮނުވާ