ޕްރިމިއާ ލީގުގައި އެސްޓަން ވިލާ 1-2 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލް އިން ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
މި ސީޒަން ފަށައިގެން ތަފާތު މޮޅު ކުޅުމެއް ކުޅެމުން އަންނަ އާސެނަލް އިން ލީޑު ނެގީ މެޗުގެ 30 ވަނަ މިނިޓުގައި ގެބްރިއެލް ޖީސަސް ޖެހި ލަނޑުންނެވެ. މިއީ މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަނަށް އާސެނަލް އަށް ބަދަލުވެ އޭބާ ޖަހައިދިން ތިން ވަނަ ލަނޑެވެ.
މި މެޗުގެ ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން އެސްޓަން ވިލާގެ މައްޗަށް އާސެނަލް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން އެސްޓަން ވިލާ އިން ދިޔައީ ކުރިޔަށް ޖެހި އާސެނަލްއަށް ޕްރެޝަރު ކުރަމުންނެވެ. ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ކުޅުން ރަނގަޅު ކުރި އިރު، ނަތީޖާ އެއްވަރުކުރީ 74 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ނެގި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސީދާ ކޯނަރުން ބޯޅަ ގޯލަށް ފޮނުވާލައިގެން އެސްޓަން ވިލާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑަގްލަސް ލުއިޒްއެވެ.
މިއާއެކު، އާސެނަލްއިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، 77 ވަނަ މިނެޓުގައި ވަނީ އަނބުރާ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާޓެނެލީއެވެ. އަދި މެޗު ނިމެންދެން އެޓީމުން ވަނީ އެސްޓަން ވިލާ ހިފަހައްޓާފައެވެ. މިއީ އެސްޓަން ވިލާ ކުޅުނު ފަސް މެޗުން އެ ޓީމު ބަލިވި ހަތަރު ވަނަ މެޗެވެ. އެ ޓީމުގެ ކޯޗު ސްޓީވަން ޖެރާޑަށް މިހާރު ވެސް ސަޕޯޓަރުންގެ ޕްރެޝަރު ކުރިމަތި ވެފައި ވާއިރު، އެޓީމަށް ދެން އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެސްޓަން ވިލާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.