ވިންޑްސާރފިން ބޯޑެއްގައި ދަތުރުކުރި ބަޔަކު ގެއްލިގެން ހޯދަނީ

ވިންޑްސާރފިން ބޯޑެއްގައި ދަތުރުކުރި ބަޔަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 01:26
0

ވިންޑްސާރފިން ބޯޑެއްގައި ދަތުރުކުރި ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑިއެފް އިން ބުނީ ވިންޑުސާރފިންގ ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫއަށް ދަތުރުކުރި 2 ދިވެހިންގެ ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު ކުރީ 11:30 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، މޫސުމަށް ސަމާލުވުމަށާއި ދަތުރުފަތުރުކުރާއިރުވެސް ސަމާލުވުމަށް އެމްއެންޑިއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް ކޯސްޑްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އެދެއެވެ.

މެޓް އޮފީހުން ބުނީީ މެދުރާއްޖެތެރެއާއި އުތުރުގެ އެކިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެއަސަރު ފޯރާނެެކަމަށް ލަފާކުރެވޭކަމަށެވެ.ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުގަދަވެ ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓުގައި ހުންޏާެކަމަށާއި، ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.