ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި މިއަދު ގާފަރު ފަރަށް އަރާ އަޑިއަށް ދިޔަ ލަންދޫ ބޯޓުން ތިލަވެ އޮޔާ ދަމުންދާ ތަކެއްޗަށް ކަނޑުގައި ދުއްވާ އުޅަދުތަކުން ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކ. ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ދަންނަވާ ކަމުގައެވެ.
ސަމާލުވެލައްވާ!
ކ. ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ދަންނަވަން.— Maldives Police (@PoliceMv) August 31, 2022
އެމްއެންޑީއެފް އިން މިއަދު ވިދާޅުވެފައިވާ ގޮތުގައި، ނ. އަތޮޅުން ފުރާއިގެން މާލެ އަށް ދަތުރު ކުރަމުންއައި "ލަންދޫ ބޯޓު" ވަނީ ދިޔަވެ ކ.ގާފަރު ފަރަށް އަރާފައިކަމުގައެވެ. ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު ރައްޔިތުންގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ވަނީ ހަރަކާތްތެރި ވެފައެވެ
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 10:55 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ. އޭރު އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ އެބޯޓުގައި ތިބީ ކިހާ ބަޔަކުކަމެއް ސާފުނުވާކަމަށެވެ. އަދި ބޯޓުގައި ތިބި ބަޔަކު، ގާފަރަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް ހާމަ ކޮށްފައި ވެއެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއްކަމުން، މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ