ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.
ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ 29 ޖޫން 2022 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މިޕާރުސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 526 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1,000,000.00 (އެއް މިލިއަން) ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު މިބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 1 މާރިޗު 2022 ވަނަ ދުވަހުއެވެ. އެފަހަރު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވެއެވެ.