އަލަމްގީރްގެ އިއުތިރާފާއެކު އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އަލަމްގީރްގެ އިއުތިރާފާއެކު އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމުން, އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އަލަމްގިރްގެ މައްޗަށް ސާބިތުވީ އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ. އަލަމްގިރްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށީ އިއްޔެ ހަވީރުއެވެ. ދައުވާތަކަށް އިއުތިރާފުވެ އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދެމެހެއްޓުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަލަމްގިރްގެ އިއުތިރާފު ބަލައިގެންފައެވެ.

އެހެންވެ, އިބްތިދާއީ މަރުހަލާ ނިންމާލައި, ޝަރީއަތުގެ އަޑުއެހުމެއް ވެސް އިއްޔެ ކުރިމިނަލް ކޯޓަށް އަލަމްގީރް ހާޒިރުކޮށްގެން ބޭއްވިއެވެ. އެ އަޑުއެހުމުގައި ވެސް އަލަމްގީރް ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓާފައެވެ. ކުށަށް އިއުތިރާފުވެފައިވާތީ, މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ނިންމާށެވެ. އޭގެފަހުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ކުރިއަށް ގެންދިޔައެވެ. ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އަދަބު ކަނޑައެޅުމަށާއި ހުކުމް އިއްވުމަށް ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެއެވެ.

ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ނުވަމަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *