ޖީއެމްއާރުގެ އެންމެ އިސްވެރިޔާގެ ކާފަދަރިކަލުންގެ ކައިވެނި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.
ޝާހިދުގެ ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރެގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގަތީ ނުރަސްމީ ދަތުރެއްގައެވެ. ޖީއެމްއާރުގެ އެންމެ އިސްވެރިޔާގެ ކާފަދަރިކަލުންގެ ކައިވެނި ހަފުލާގައި ނަޝީދާއި ޝާހިދާ އެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް ބައިވެރިވެވަޑައިގަތެވެ.
Attended the wedding reception of GMR garu’s grandson at Taj Palace, New Delhi. pic.twitter.com/DGC0vMjsCj
— K Raghu Rama Krishna Raju (@RaghuRaju_MP) August 28, 2022
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ. މިއެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހޫނުވި އެއް އެއްބަސްވުމަށްވާއިރު މިއެއްބަސްވުން ހަދާފައިވަނީ އޭރުގެ ސަރުކާރުގެ އިސްވެރިން ޖީއެމްއާރުގެ އިސްވެރިންގެ އަތުން ރިޝްވަތު ނެގައިގެންކަމަށް ވާހަކަ ދެކެވުނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށްދެއްވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމެވި ނިންމެވުން ނިމުމަކަށް ގެންނެވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ އެ އެއްބަސްވުމަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ޖީ.އެމް.އާރަށް ބުރަވާގޮތަށް އަދި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ޙައްޤުތަކާއި މަސްލަޙަތުތަކަށް އިންތިހާއަށް ގެންލުންވާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާތީކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައި، އަދި އެ އެގްރީމެންޓް ނިމުމަކަށް ގެންނަވާފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.
މިދަތުރުގެ ތެރެއިން ނަޝީދާއި ޝާހިދު އެކީގައި މިހާރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް (ފޮރިން) މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރްއާއި އެ މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ.