ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން "މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް"ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ބާއްވަން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ހިންގަވާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)އިން ނިންމައިފިއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މާދަމާގެ ހަވީރު ހަތަރެއް ޖަހާއިރު ފަށާ އެ ވޯކްޝޮޕްގައި 70-100 އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތާލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރާ ހަރަކާތެކެވެ.
އެ ވޯކްޝޮޕްގެ ސެޝަންތަކުގައި މައުލޫމާތު ދޭނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އަސްބާ އިން ބުނެއެވެ. ފުރަތަމަ ސެޝަންގައި މައުލޫމާތު ދޭނީ އިނގިރޭސި ވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލު ކޮށްފައިވާ އާސިޔަތު ނަސޫހާ ކަމަށް އަސްބާ އިން ބުންޏެވެ. އެއީ ޕަބްލިކް ސެކްޓަރުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޮގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެކެވެ.
ދެވަނަ ސެޝަން ނަގައިދެއްވާނީ ލީޑަޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފާތިމަތު ޝިފާޒާއެވެ. ވޭތުވެދިޔަ 10 އަހަރު އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގައި ޝިފާޒާ ވަނީ މަސައްކަތް ކުރައްވާފައެވެ. މި ވޯކްޝޮޕްގެ އިތުރަށް ވެސް ކުރިޔަށް އޮތްތަނުގައި އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އަސްބާއިން ބުނެއެވެ.