ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ނިސްބަތްކޮށް "ޓިނު އަދުރރޭ"ގެ ނަމުން މުޚާތަބް ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ ކުރެއްވި ޓްވީޓް ޑިލީޓްކޮށް، އެޓުވީޓު ކުރެއްވި ސަބަބު ހާމަކޮށް ދެއްވައިފިއެވެ.
ނަމާދުގެ އަޑު ނީވޭގޮތަށް ހަދަން މިސްކިތްތަކަށް މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަށް ނިސްބަތްކޮށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މިފަހަރު މިއޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ!" ކަމުގައެވެ. މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ، މި ވެރިކަމުގައި ބަންގީގެ އަޑު ކެނޑޭނެކަމަށް އަަދުރޭ ވިދާޅުވެފައިވާކަމަށާއި، މި ސަރުކާރުގެ އަމާޒު ހުރީ އެ ދިމާލަށް ކަމުގައެވެ.
މުސްތަފާގެ ޓުވީޓާއި ގުޅިގެން ޕީޕީއެމް ޕީއެންސީގެ ބައެއް ބޭފުޅުންގެ މެދުގައި މިކަމުގައި ހިންހަމަނުޖެހުން ބޮޑުވުމުން، ރައީސް ޔާމީން ވަނީ މިއަދު މެންދުރު ފަހުން ލީޑަރޝިޕްގެ އިސްބޭފުޅުންނައި ބައްލުވެސް ކުރައްވާފައެވެ. ފަހުން އެޓުވީޓް ޑިލީޑްކޮށް މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެޓުވީޓަކީ މަޖާޒީ ގޮތަކަށް ކުރެއްވި ޓުވީޓެއްކަމަށެވެ. އަދި ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށާއި، އަދިވެސް ދިމާވާނީ އަދުރޭގެ ހިސާބުކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު ކުރީ ސާކާސްޓިކް ނުވަތަ މަޖާޒީ ޓުވީޓެއް! ޕާރޓިގަ ރެނދެންނުލާ! ޕާރޓީ އޮތީ ބަދަހިކޮށް! އަދިވެސް ދިމާވަނީ އަދުރޭގެ ހިސާބު! މިސްރާބު ހުރީ އެމަގަށް! ބަންގީގެ އަޑު ދަނީ ފަނޑުވަމުން!
– މުސްތަފާ ވިދާޅުވިއެވެ.
ޕީޕީއެމް ސެނެޓްގެ ގިނަ މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ރައީސް ޔާމިން ޖަލުގައި އޮންނެވި އިރުވެސް ޕީޕީއެމް ނަގާ ކޮޅަށް ޖެހުމަށް އޭރުވެސް އެންމެ ހިތްވަރާއެކީ މަސައްކަތް ކުރެއްވީ އަބުދުއްރަހީމް އިސްވެ ހުންނަވައިގެންނެވެ. އަދި ރައީސް ޔާމިންއަށް 2023 ކާމިޔާބު ކޮށްދޭން ބޭނުންވާނަމަ ޒާތީވުން ދޫކޮށްލާ އެކީގައި މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ބައެއް މެމްބަރުން މުސްތަފާގެ މި ޓުވީޓާއި ގުޅިގެން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ދެޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަބުދުއްރަހީމްއާއެވެ. އަދި އޭރުއްސުރެ ރައީސް ޔާމިން މިނިވަންވުމާއި ހަމައަށް، ޕީޕީއެމް ޕިއެންސީ ހިންގުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންއ އައީވެސް އަބުދުއްރަހީމްއެވެ.
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާއަކީވެސްީ ރައީސް ޔާމިން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ، އަދި ޒަމާނުއްސުރެ ވަރަށް ގާތް ބޭފުޅެކެވެ.