ރައީސް ސާލިހު ހިމެނިވަޑައިގެންފައިވަނީ، މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، މީގެ ކުރީގެ ވެރީންނަށް ހާސިލް ނުކުރެވުނު ބައެއް ކަންކަން ހާސިލްކުރައްވާ، އަދި އުދަގޫ ބައެއް އޮޅިގަޑުތައް ފާއިތުވެދިޔަ ތަނުގައި ގިރާކުރެއްވުމުގައި ކާމިޔާބު ހޯއްދަވާފައިވާ ވެރިއެއްގެ ގޮތުގައެވެ.
މިގޮތުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކުރައްވާ، ވެރިކަމަށް ވަޑައިގެންނެވީ ބޮޑު ކޯލިޝަނަކާއެކީއެވެ. އެއީ އޭރުގެ ސަރުކާރުން އިދިކޮޅު ހުރިހާ ފަރާތްތަކެއް ޖަލަށްލާ، ދެން ތިއްބެވި ވެރީން ރާއްޖެއިން ބޭރަށް އަމިއްލަފުޅަށް އަރުއްވާލެއްވުމާއި ގުޅިގެން، އޭރުގެ އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށްފަހުއެވެ.
ސިޔާސީ ފިކުރުތަކުގެ ތަފާތުކަން ބޮޑު ކޯލިޝަންއަކާއެކީ، ކޯލިޝަން އެކަތިގަޑަކަށް ހައްދަވައިގެން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ހަމައިން އޭރު ގިނަ ބަޔަކުޖެހި ހިސަބުތަކެއް ހުއްޓެވެ. އެއީ ފާއިތުވެދިޔަ ހުރިހާ ދައުރެކޭވެސް އެއްފަދައިން، ވެރިކަމުގެ ކުރީކޮޅު ކޯލިޝަން ރޫޅި، ވެރިކަމަކީ އެމްޑީޕީގެ އެކަނި ވެރިކަމަކަވެގެން ދާނޭކަމަށް ގިނަބަޔަކު ކުރި ލަފާކުރުންތަކެވެ. ކޯލިޝަން ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި، ޕާޓީތަކުގެ ތަޅާފޮޅުންތައް ބޮޑުވެ، އެއް އޮޑިއެއްގައި ދަތުރު ނުކުރެވޭނެކަމަށް ގިނަބަޔަކު ހީކުރި ހީކުރުންތަކެވެ.
އެމްޑީޕީ ހިމެނޭ ފުރަތަމަ ކޯލިޝަންވެރިކަމުގައި، ރައީސް ނަޝީދު އަމަލު ކުރެއްވި ފަދައިން، މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޯލިޝަން ކެބިނެޓްވެސް ރޫޅާ ލައްވާ، ހަމައެކަނި އެއް ޕާޓީއެއްގެ އެކްޓިވިސްޓުންނަށް އެކަނި ސިޔާސީ މަގާމްތައް ހަމަޖައްސަވާ، މިއުސޫލުން ހާލަތު ބަދަލުވެގެން ދާނޭ ކަމުގައި، ރައީސް ސާލިހުގެ ވެރިކަން ފެށިގެން އައިއިރުވެސް ގިނަ ބަޔަކު އައީ ހިސާބު ޖަހަމުންނެވެ.
އަދި މި ހިސާބުތަކާ އެއް ބީދައަކުން، މިވެރިކަންވެސް ދެބައި ވެގެން ދިޔަތަނާއި، އެމްޑީޕީގެ ރައީސް ނަޝީދު ކޯލިޝަން ރޫޅާލައްވަން މަސައްކަތް ފެއްޓެވިތަން ފެނިގެންވެސް ދިޔައެވެ. ނަޝީދުގެ އިތުރުން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވެސް، މިއަދާއި ހަމައަށްވެސް ޑިމާންޑު ކުރަމުން އަންނަނީ، އެތައް ވައުދުތަކާކާއި އަހުދުތަކެއްގެ މައްޗަށް އެއްބަސްވެ، އަމިއްލަ އަތުން ސޮއި އެޅި އެއްބަސްވުންތައް ބާތިލްކޮށް، ކޯލިޝަން ރޫޅާލާ، ވެރިކަމަކީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެކަނި ވެރިކަމަށް ހެދުމަށެވެ.
އެހެންނަމަވެސް، މިހުރިހާ ޑިމާންތަކާއެކު ފެނިގެން ދިޔައީ ކޯލިޝަން އޭގެ ގޮތުގައި ދެމި އޮތުމަށްފަހު، އޭގެ ބަދަލުގައި އެމްޑީޕީ ބައިބައިވެ، އެޕާޓީ ރޫޅި، ރިޔާސީ ޓިކެޓްގެ އިތުރުން، ވެރިކަން ކުރާ ނިޒާމު ބަދަލުކުރުގެ ވިސްނުމާހަމައަށްވެސް، ރައީސް ސާލިހާއި ނަޝީދާއި ދެބޭފުޅުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތައް ފުޅާވެ، ހައްލެއް ނުހޯދި، ޕާޓީ ދެފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާން ފެށި ތަނެވެ.
މިހުރިހާ ޚިޔާލު ތަފާތުވުންތަކާއެކު، ރައީސް ސާލިހު މައިގަޑު ދެކާމިޔާބީއެއް ހާސިލް ކުރައްވާފައިވާތަން ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ. އެއީ އާ ގާނޫނު އަސާސީއަށްފަހު ގެނައި މަލްޓިޕާޓީ ޑިމޮކްރަސީގައި ކޯލިޝަން ވެރިކަމެއް އެންމެ ދިގުމުއްދަތަކަށް ކުރެއްވި ހަމައެކަނި ވެރިޔަކަށް ވެ ވަޑައިގަތުމުގެ އިތުރުން، އެމްޑީޕީގެ އެތެރޭގައި އުފެދިގެންދިޔަ ބޮޑު ތަޅާފޮޅުމުގައި، ހިމޭންކަމާ އެކީ ހުންނަވާ، މީޑިއާ ހެޑްލައިންތައް ނުހައްދަވާ، އެ ރޭހުގައި ކުޅިފަސް ހޯއްދެވި ހޯއްދެވުމެވެ.
ނިޒާމު ބަދަލުކުރުމުގެ ޑިމާންޑުތަކުގެ އިތުރުން ޒާތީ އެތައް ތުހުމަތެއް!
އެމްޑީޕީގެ އެތެރޭގައި އުފެދިގެންދިޔަ ސިޔާސީ ކޯޅުންތަކުގެ ހަގީގީ އަސްލަކީ 2023ގެ ރިޔާސީ ޓިކެޓް، ނުވަތަ ކުރިޔަށް އޮތް ދައުރުގެ ވެރިކަންކަމީ ވަންހަނާ ވުމެއް ނެތި، ސާފުކޮށް ފެންނާން އޮތް ވަރަށް ބޮޑު ހަގީގަތެކެވެ.
މިގޮތުން، ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބެންޖެހޭނެކަމަށް އެމަނިކްފާނަށް ތާއީދުކުރާ ފަރާތްތަކުން ވަކާލާތު ކުރަމުންދިޔައިރު، ނަޝީދުގެ ހުރިހާވެސް އަމާޒަކަށް ވެގެން ދިޔައީ، މި ދައުރު ނިމި، އާ ރިޔާސީ ދައުރަކަށް ފެށިގެންދާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމެވެ.
އެމަގުސަދުގައި އެންމެ ފުރަތަތަމަ ނަޝީދު ވިސްނުން ގެންގުޅުއްވާފައިވަނީ، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ނުގޮސް، މަޖިލިހުގެ ސުޕަރމެޖޯރިޓީގެ ބޭނުން ކުރައްވައިގެން ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމަށެވެ.
އެހެންނަމަސް، ނަޝީދުގެ ވިސްނުމާއި ރައީސް ސާލިހުގެ ވިސްނުން ތަފާތުވެ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ސާލިހު ދެކޮޅު ހެއްދެވި ހިސާބުން ނަޝީދު ފެނިގެން ދިޔައީ، ރައީސް ސާލިހާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާން ފައްޓަވާ، އަދި ތަފާތު އެތައް ތުހުމަތުތަކާއި، ސިޔާސީ ގޮތުން އިންޒާރުވެސް ދެއްވާން ފެއްޓެވިތަނެވެ.
އޭގެތެރޭގައި އެންމެ ފުރަތަމަ ވިދާޅުވީ ދެން ދުވަހަކުވެސް ރައީސް ސާލިހާއެކީ ސިޔާސީ މަސައްކަތެއް ނުކުރައްވާނޭ ކަމަށެވެ. ދުވަސް ކޮޅެއް ފަހުން ރައީސް ސާލިހުއާއި ބައްދަލު ކުރެއްވިއެވެ. އެހެންނަމަވެސް، ދެން ޖެހިގެން އައި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އަނެއްކާވެސް ރައީސް ސާލިހާއި ނަޝީދުއާއި ދެބޭފުޅުން ފެނިގެންދިޔައީ ވާދަވެރިކަމާއެކީ އެމްޑީޕީ މުގޫ އަތްޕުޅަށް ލެއްވުމަށްޓަކާ ވަރުގަދަ ހަގުރާމައަކާއި ކުރިމަތި ލެއްވިތަނެވެ.
މުޅި ރާއްޖޭގައި ކުރެވުނު ވަރުގަދަ ކެމްޕޭނަކަށްފަހު، ޕާޓީގެ އެތެރޭގެ މި އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ ރައީސް ސާލިހުއެވެ.
އެއަށްފަހު ދެން ކުރިމަތިވީ، އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯތައް ލީކުވުމުގެ "މައްސަލަ ގަޑެ"ވެ. ލީކުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ވީޑިއޯ ހިމެނިގެން ދިއުމާއެކު ނަޝީދު ފެނިގެން ދިޔައީ ރައީސް ސާލިހަށް އަމާޒުކޮށް، ސާބިތު ނުހިފޭ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ތަނެވެ. ރައީސް ސާލިހު ބަދުއަޚްލާގީ އަމަލް ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އަމިއްލަފުޅު ފޯނުގައި ހުރިކަމަށް ވިދާޅުވެ، ސާބިތު ނުހިފޭ އެތަކެއް ޒާތީ ތުހުމަތުތަކެއް ނަޝީދު ކުރައްވާފައި ވެއެވެ.
އަދި އެއަށްފަހު ނިމިދިޔަ ކޮންގްރެސް ފެށިގެން އައިއިރު، ނަޝީދު ގެންދެވީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނޭކަމަށް ވިދާޅުވެ، އަދި އޭގެ އިތުރުން 2023ގެ ރިޔާސީ އިންތިޚާބު އެޕާޓީއަށް ކާމިޔާބު ނުކުރެއްވޭނެކަމަށްވެސް ވިދާޅުވެ، އެކަން ސާބިތު ކުރެއްވުމަށް ހިސާބުތައްވެސް ހައްދަވާ، ތަފާސް ހިސާބުތައް އާންމު ކުރައްވަމުންނެވެ.
ނަޝީދުގެ މި ހުރިހާ ތުހުމަތުތަކާއި، ދިން ސިޔާސީ އިންތިޒާރުތަކަށްވެސް އަދި ޖެއްސެވިހާ ހިސާބުތަކަށްވެސް ރައީސް ސާލިހު ރައްދު ދެއްވިތަނެއް އާންމު ރައްޔިތުންނާއި ހަމައަށް ތިލަވެގެން ގޮސްފައެއް ނުވެއެވެ. އަދި މީޑިއާހެޑްލައިންތަކެއްވެސް ނުމެ ހައްދަވާމެއެވެ. ފެނިގެންދިޔައީ، ބަސް މަދު ކުރައްވާ، އަމަލުވެސް މަދު ކުރައްވާ، ހިމޭންކަމުގެ ސިޔާސަތެއް އިސްކުރެއްވި ތަނެވެ.
އެންމެ ފަހުން ރިޔާސީ ޓިކެޓްގެ ކަށަވަރުކަން!
އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކުން ދޭން ޖެހޭނެކަމަށް، ފާއިތުވެދިޔަ ތަނުގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން އައި ޑިމާންޓްތަކުގެ އަސްލަކަށް ވެގެން ދިޔައީ މި ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނޭކަމަށް އިއުލާން ކޮށްފައި ވުމާއި، އަދި އޭގެ އިތުރުން ފާއިތުވެދިޔަ ޕާޓީގެ ކޮންގްރެސްގައި، ޕްރައިމަރީއަކާއި ނުލާ ޕާޓީގެ ރިޔާސީ ޓިކެޓް "ތަބަކަކަށް ލައިގެން" ނެންގެވުމަށް ރައީސް ސާލިހު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ކުރެވެމުން އައި ތުހުމަތުތަކެވެ.
އެހެންނަމަވަވެސް، ގިނަ ބަޔަކު ގަބޫލުރާ ގޮތުގައި، ވަކީން ޚާއްސަކޮށް ނިމިދިޔަ ޕާޓީ ޗެއަރޕާސަން އިންތިޚާބުގެ ނަތީޖާއަށްފަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކޮށް، ޕާޓީގެ ރިޔާސީ ޓިކެޓް އާންމު މެމްބަރުންގެ ތާއީދާއެކު ކާމިޔާބު ކުރެއްވުން ރައީސް ސާލިހަށް އުދަގޫ މަސައްކަތަކަށް މިހާރު ވެގެނެއް ނުދާނެއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި ކޮންގްރެސްގައި ރިޔާސީ ޓިކެޓާއި ގުޅުންހުރި އެއްވެސް އެޖެންޑާ އައިޓަމެއް ނުހިމަނާ، ލީޑަރޝިޕުން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުން ކަމުގައެވެ. އެއަށްފަހު ރައީސް ސާލިހު ވިދާޅުވެފައިވަނީ، ރިޔާސީ ޕްރައިމަރީއެއްގައި ވާދަކޮށް، ޓިކެޓް ކާމިޔާބު ކުރާ ފަރާތަކަށް ނަޝީދުވެސް އަދި އެމަނިކްފާނުވެސް ތާއީދު ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމުގައެވެ.
މާނައަކީ، ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ސަލިހު ނިކުންނަވަނީ އެ ޓިކެޓް ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހޯއްދަވައިގެންނެވެ. އެއީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނޭ ކަމުގެ ޔަގީންކަން އެތައް ގޮތަކުން ކަށަވަރު ކުރައްވައިގެންނެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ދެއްކެވިހާ ހުއްޖަތްތަކާއި، ދެއްވި ސިޔާސީ އިންޒާރުތަކާއި، ހެއްދެވިހާ ހިސާބުތަަކަށް، ޖަޒުބާތުގައި ޖެހިވަޑައިގެން ނުގެން، ޒާތީ ގޮތުން ރައްދު ނުދެއްވާ، ދައުރުގެ މިހާތަނަށް އައިއިރު ފެނިގެންދަނީ ޕާޓީގެ މުގޫވެސް ރައީސް ސާލިހުގެ އަތްޕުޅަށް ރަގަޅަށް ލައްވާފައިވާތެނެވެ.
އަދި އެއަށްފަހު، ނިޒާމު ބަދަލު ކުރުމަށް ކުރެވެމުން އައި ޑިމާންޓްތައްވެސް "ފަނުފުލުން ގޮސް" އެންމެ ފަހުން ރިޔާސީ ޕްރައިމަރިއަށްވެސް ރައީސް ސާލިހު ނިކުންނަވަން ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވަނީ، އެ ޕްރައިމަރީގައި އިދިކޮޅަށް ވާދަ ކުރައްވައިގެން ރައީސް ނަޝީދަށްވެސް ކާމިޔާ ނުކުރެއްވޭ ވަރަށް، ޕާޓީގެ އެތެރޭގައި ތާއީދު ކަށަވަރު ކުރައްވާ، އެމަގަށް ކުޅިބައި ރަގަޅަށް އަތުރުއްވައިގެންކަމީ ކަށަވަރުވެ ޔަގީންވާން އޮތްކަމެކެވެ.
ރައީސް ސާލިހުގެ ހިމޭން ސިޔާސަތުން އަދި ފެންނާން އޮތީ، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ކުޅިފަސް ހޯއްދަވަމުން ގެންދަވާ ތަނެވެ.