އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލް 2-1 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޔުނައިޓެޑުން މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯއެވެ. ސަންޗޯ ވަނީ އެންތަނީ އެލަންގާ ގޯލު ކުރިމައްޗަށް ދިން ބޯޅަ ހޯދައި، ކުރިމަތީ ހުރަސް އަޅަން ހުރި ޖޭމްސް މިލްނާ ކައިރިން ނައްޓައިފައެވެ.
ލިވަޕޫލުން ފުރަތަމަ ހާފުގެ ފަހު 10 މިނިޓު ތެރޭގައި ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެއްވެސް ހަމަލާއެއް ގޯލާ އަމާޒެއް ނުކޮށްލެވުނެވެ. އަދި ޔުނައިޓެޑްގެ ޑިފެންޑަރު މާޓިނޭޒް ވަނީ ލިވަޕޫލްގެ ނުރައްކާތެރި އެޓޭކްތައް ދިފާއުކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.
ޔުނައިޓެޑުން ދެވަނަ ހާފު ފެށީ، ލަނޑު ޖަހަން އެހީވި އެލަންގާގެ ބަދަލުގައި އެންތަނީ މާޝިއަލް ކުޅެން އަރުވައިގެންނެވެ. މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ސްޕެއިންގެ ސެވިއްޔާއަށް ކުޅުމަށް ފަހު އަލުން ޓީމާ ގުޅި، މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަރައި މާ ގިނައިރެއް ނުވެ، އޭނާގެ އެހީތެރިކަމާ އެކު ޔުނައިޓެޑުން ވަނީ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 52 ވަނަ މިނިޓުގައިޮމާޝިއަލް ހުސްކޮށްލާފައި ދިން ބޯޅައިން ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ މާކަސް ރަޝްފޯޑެވެ.
ޔުނައިޓެޑުން ލީޑުފުޅާކުރިތާ މިނިޓެއްގެ ތެރޭގައި ލިވަޕޫލަށް ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން ލިވަޕޫލްގެ ޖޭމްސް މިލްނާ ނެގި ހުރަހަކުން ލުއިޒް ޑިއާޒް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.
ލިވަޕޫލުން ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި މުހައްމަދު ސަލާހުއެވެ. ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ޖެހި ބޯޅައެއް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފައެވެ. މިއީ ސަލާހު ޔުނައިޓެޑް ކޮޅަށް ޖެހި 10 ވަނަ ގޯލެވެ. ލީގުގައި ޔުނައިޓެޑް ކޮޅަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ސަލާހު އަތުގައެެވެ.
މި މެޗާ އެކު ލިވަޕޫލް ލީގުގައި ބަލިނުވެ ހަމަކުރި 21 މެޗުގެ ރެކޯޑަށް މިވަނީ ނިމުމެއް އައިސްފައެވެ. އާ ސީޒަނުގެ ފުރަތަމަ ދެ މެޗު ވެސް ލިވަޕޫލަށް ފުއްދާލަން ޖެހުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ އަހަރުގެ ޑިޗެމްބަރު މަހު ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، ޔުނައިޓެޑް 14 ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ލިވަޕޫލް 16 ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ.