2.3 މިލިއަން ރުފިޔާގެ މައްސަލައާއިގެން އަލީ ޒާހިރު ސުޕްރިމް ކޯޓަށް

2.3 މިލިއަން ރުފިޔާގެ މައްސަލައާއިގެން އަލީ ޒާހިރު ސުޕްރިމް ކޯޓަށް

Author
ހުސެއިން
19 އޮގަސްޓް 2022 06:59
0

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން ކުރި ހުކުމް އޭނާ ސުޕްރިމް ކޯޓުގައި އޭނާ އިސްތިއުނާފް ކޮށްފިއެވެ.

2018ވަނަ އަހަރު އެމްސީބީން އަލީ ޒާހިރަށް އެ ބޭންކަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް އެންގީ އޭނާ ބޭންކަށް ޗެއްކެއް ދޫކޮށްފައި ވަނިކޮށް، އޭނާގެ އެކައުންޓުގައި އެވަރަށް ފައިސާ ނެތީސް ބޭންކުން އޯވަރޑްރާފްޓްގެ ގޮތުގައި އޭނާއަށް ފައިސާ ދޫކުރުމާއި ގުޅިގެންނެވެ.

އަލީ ޒާހިރު ބޭންކަށް ދޫކޮށްފައިވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.

އަލީ ޒާހިރު ބޭންކަށް ޗެކް ދޫކޮށްފައިވަނީ، އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފުޔާ ޖަމާވެއްޖެ ކަމުގެ ރިސިޓް ބޭންކުން ލިބުމަށްފަހުއެވެ. އެހެންނަމަވެސް ބޭންކުން ޗެކަށް ފައިސާ ދޫކޮށްފައިވަނީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާ ނުވަނީހެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ބޭންކުން އަންގާފައިވަނީ އެފައިސާ އޭނާ އަބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އަލީ ޒާހިރު ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ.

މިމައްސަލާގައި ސިވިލް ކޯޓުންނާއި ހައި ކޯޓުންވެސް މަސައްކަތް ނިންމާފައިވަނީ އަލ ޒާހިރާއި ދެކޮޅަށެވެ. ހައި ކޯޓުން މައްސަލަ ނިންމިއިރު، އެއީ އަލީ ޒާހިރު ބޭންކަށް ދަންކަންޖެހޭ ފައިސާކަމަށް ނިންމާފައިވަނީ 3 ފަނޑިޔާރުންގެ ތެރެއިން ދެ ފަޑިޔާރުންގެ އައުލަބިއްޔަތުންނެވެ.

ބޭންކުގެ ނިންމުން ދަމަހައްޓަން ހުކުމް ކުރެއްވި ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ޝުއައިބުގެ ހުކުމުގައި ވިދާޅުވެފައިވަނީ "އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް،" ކަމުގައެވެ.

އެހެންނަމަވެސް ފަނޑިޔާރު ފައިސަލްގެ ހުކުމުގައި ވިދާޅުވެފައިވަނީ، އެ ފައިސާއަކީ ބޭންކު އިހުމާލުން ދޫކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާގެ ޒިންމާ އަލީ ޒާހިރު ނަންގަވަން ނުޖެހޭނެ ކަމުގައެވެ.

އަލީ ޒާހިރު ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމެވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.