އެމް.ޑީ.ޕީ ކޮންގްރެސްގެ ސައްހަ ކަމާމެދު ފަހުން ސުވާލު އުފައްދާނެ: އާޒިމް

އެމް.ޑީ.ޕީ ކޮންގްރެސްގެ ސައްހަ ކަމާމެދު ފަހުން ސުވާލު އުފައްދާނެ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2022 02:25
0

އެމްޑީޕީގެ ކޮންގްރެސްގެ ޤާނޫނީ ހައިސިއްޔަތާއިމެދު ފަހުން ސުވާލު އުފައްދާނެ ކަމަށް ކޮންގްރެސް ފަސްކޮށް ދިނުމަށް އެދުނު އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއެޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، އާޒިމް އާއި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ދަނީ ކޮންގްރެސްގެ ޤާނޫނީ ސައްޚަ ކަމާއިމެދު ސުވާލު އުފައްދަމުންނެވެ. ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގަތީ ކޮންގްރެސް އަށް ގޮފިތައް އުފައްދާފައިވާ ގޮތާ މެދު ބައެއް ތުހުމަތުތައް ކުރެއްވުމަށްފަހުއެވެ.

ނަމަވެސް ކޮންގްރެސް ފަސްކުރަންޖެހެ ވަރުގެ ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ވަނީ ވިދާޅުވެފައެވެ. އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންގްރެސް ފެށުމުގެ ކުރިން މިހާރުވެސް ގޮފިތަކުގެ މަންދޫބުންގެ ސައްހަކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި މި ކޮންގްރެސްއާއި މެދު ފަހުން ސުވާލު އުފައްދާނެ އެތައްކަމެއް ފާހަގަވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމް.ޑީ.ޕީ ގެ 4ވަނަ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ މަންދޫބުންގެ ސައްހަކަން ކަށަވަރުކުރަންޖެހޭ. ޕާޓީން ހަދާފައިވާ ގަވާއިދާ އެއްގޮތައް ކަންކަން ކުރުމަށް ދަންނަވަން. އެމް.ޑީ.ޕީ ކޮންގްރެސްގެ ސައްހަ ކަމާމެދު ފަހުން ސުވާލު އުފައްދާނެ.

– އާޒިމް ވިދާޅުވިއެވެ.

ކޮންގްރެސްގައި ބައިވެރިވާ، އަތޮޅުތަކަށް ނިސްބަތްވާ އެމްޑީޕީގެ އެކިއެކި ގޮފިތަކުގެ މަންދޫބުން އިއްޔެއިން ފެށިގެން ވަނީ މާލެއަންނަން ފަށާފައެވެ. އެމީހުންނަށް މަރުހަބާ ވިދާޅުވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟުވަނީ މާލޭ އެއް ނަމްބަރު ފާލަމަށް ވަޑައިގެންފައެވެ. ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ފައްޔާޟު ވިދާޅުވީ ކޮންގްރެސްއާ ގުޅޭ ގޮތުން ބައެއް މައްސަލަތައް ހުށަހަޅާފައި އެބަހުރިކަމަށެވެ. އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޤަވާޢިދުން އަޅުއްވާނެކަމަށާ، އެހެންނަމަވެސް ކޮންގްރެސް ފަސްކުރަންޖެހޭވަރުގެ އެއްވެސްކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި ކޮންގްރެސް ފަސްކުރުމަކީ ސީދާ ޗެއަރޕާސަންއަށް އޮތް ބާރެއްވެސް ނޫންކަމަށާ، އެކަން ކުރެވޭނީ ޤައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެންކަމަށްވެސް ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟު ވިދާޅުވީ މިފަހަރުގެ މި ކޮންގްރެސްއަކީ އެމްޑީޕީން މިހާތަނަށް ބާއްވާ އެންމެ ދެފުށްފެންނަ އިންސާފުވެރި ކޮންގްރެސްއަށް ވާނެކަމަށެވެ. އަދި ކޮންގްރެސްގެ އެންމެހައިކަންކަން ކުރިއަށްގެންދަވާނީ ޤަވާޢިޑާ އެއްގޮތަށްކަމުގެ ޔަޤީންކަންވެސް ފައްޔާޟު ދެއްވިއެވެ. އެމްޑީޕީގެ މިފަހަރުގެ ކޮންގްރެސްއަށް 700އަށްވުރެ ގިނަ ގޮފި ރަޖިސްޓްރީކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.