ފާއިތުވެދިޔަ ހަފްތާގައި، މުރުތައްދުވެފައިވާ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިން މީހާ، އިރާނުގެ ކުރީގެ ރޫހާނީ ލީޑަރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކައިފިއެވެ.
މި ހަފްތާގެ އަންގާރަ ދުވަހު ޝާޢިއުކުރެވުނު، އުމުރުން 24 އަހަރުގެ ހާދީ މަޓާރުގެ އިންޓަވިއުގައި އޭނާ ބުނެފައިވަނީ އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު ޚޮމެއިނީއަކީ "ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއް" ކަމުގައެވެ.
ޖަލުގައި ހުރެގެން ނިއުޔޯކު ޕޯސްޓަށް ދިން ވީޑިއޯ އިންޓަވިއުއެއްގައި ހާދީ މަޓާރު ބުނެފައިވަނީ، ސަލްމާން ރުޝްދީއަކީ ރަގަޅު މީހެއްކަމުގައި އޭނާ ގަބޫލު ނުކުރާ ކަމުގައެވެ.
"އޭނާއަކީ އިސްލާމް ދީނަށް ހަމަލާ ދިން މީހެއް، އެމީހުން އަގީދާއަށް ހަމަލާ ދިން މީހެއް، އަދި އެމީހުން ގަބުލުކުރާ އުސޫލުތަކަށް،" މަޓާރު ބުނި ކަމަށް ނިއުޔޯކު ޕޯސްޓުން ރިޕޯޓު ކޮށްފައި ވެއެވެ.
މަޓާރު އޭނާގެ ވާހަކާގައި އިޝާރާތް ކޮށްފައިވަނީ ސަލްމާން ރުޝްދީ ލިޔެ ޝާއިއު ކޮށްފައިވާ "ދަ ސަޓަނިކް ވާރސް" ފޮތަށެވެ. މި ފޮތް 1988 ވަނަ އަހަރު ސަމްލާން ރުޝްދީ ޝާއިއު ކުރުމާއެކު އިރާނުގެ އޭރުގެ ރޫހާނީ ލީޑަރުވަނީ ސަލްމާން ރުޝްދީ މެރުމަށް ފަތުވާ ނެރުއްވާފައެވެ.
އޭނާ ސަލްމާން ރުޝްދީއަށް ހަމަލާ ދިނީ ޚޮމެއިނީ ނެރުއްވި ފަތުވާގެ ސަބަބުންތޯ ސުވާލު ކުރުމުން މަޓަރ ބުނެފައިވަނީ، "އަހަރެން އާޔަތުﷲއަށް ވަރަށް އިހުތިރާމް ކުރަން. އަހަރެން ގަބޫލު ކުރަނީ އެއީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށް. ދައްކަން ބޭނުންވާ ވާހައަކީ މިއީ."
އޭނާ އިތުރަށް ބުނެފައިވަނީ އޭނާ ކިޔާފައިވަނީ ސަލްމާ ރުޝްދީ ލިޔުނު ފޮތުގެ މަދު ސަފްހާތަކެއް ކަމުގައެވެ. އެހެންނަމަވެސް ސަލްމާން ރުޝްދީގެ ވީޑިއޯތައް ޔޫޓިއުބުން ބަލާފައިވާކަމަށް އަޓާރު ބުނެފައި ވެއެވެ.
"އަހަރެން އޭނާގެ ވަރަށް ގިނަ ވީޑިއޯތައް ބެލިން،" އަޓާރު ބުނެފައި ވެއެވެ. "އެގޮތަށް އެއްވެސް އިޚްލާސްތެރިކަމެއް ނެތް މީހުންދެކެ އަހަރެން ރުޅި އާދޭ."
ސަލްމާން ރުޝްދީއަށް ދިން ހަމަމާއާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ، އޭނާ ނިއުޔޯކުގެ ބަފަލޯއަށް ގޮސްފައިވަނީ ހަމަލާގެ އެއް ދުވަސްކުރިން ބަހުގައި ކަމުގައެވެ. އަދި ހަމަލާ ދިން ޗައުޓައުކުއާއަށް ގޮސްފައިވަނީ ޓެކްސީއެއްގައި ކަމުގައެވެ.
"އަހަރެން މި ހިސާބުގަ ކިތަންމެ ތަނަކަށް ގޮސްފިން. އެއްވެސް ކަމެއް ކުރާކަށް ނޫން، ހަމަ ހިގާލީ،" މަޓާރު ބުނިކަމަށް ނިއުޔޯކު ޕޯސްޓުގައި ރިޕޯޓު ކޮށްފައި ވެއެވެ. އޭނާ ބުނެފައިވަނީ ހަމަލާގެ ކުރީ ރޭ އޭނާ ނިދާފައިވަނީ ވިނަގަޑު މަތީގައި ކަމުގައެވެ.
އޭނާ ބުނެފައިވަނީ ހައްޔަރުކޮށްގެން އޭނާ ޖަލަށް ގެންދިޔަފަހުންވެސް ހުރިހާކަމެއް ރަގަޅު ކަމުގައެވެ. އެހެންނަމަވެސް ޖަލުންދޭ ކާނާއާއި، ދީނަށް އުޅުން އޭނާއަށް އުދަގޫ ކަމަކަށް ވެފައިވާކަމަށް ބުނެފައި ވެއެވެ. "އެމީހުން ގެންނަ ބައިވަރު ކާނާއަކީ ހަލާލު ކާއެއްޗެއްސެއް ނޫން."
ކޮމެންޓު ފޮނުވާ