ޕްލެޓްފޯމް ފަރަށް އެރިޔަސް ބްރިޖުގެ މަސައްކަތް ނުހުއްޓޭނެ

ޕްލެޓްފޯމް ފަރަށް އެރިޔަސް ބްރިޖުގެ މަސައްކަތް ނުހުއްޓޭނެ

ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރި ނަމަވެސް އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމާ ބެހޭ ގޮތުންނާއި އޭގެ ސަބަބުން ބްރިޖް އެޅުމުގެ މަސައްކަތް ލަސްވެދާނެތޯ ސުވާލުކުރައްވާފައެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖަށް ހޭދަވީ ކިހާ އަދަދެއްކަން ކުއްލިއަކަށް ވިދާޅުވާން ދަތި ކަމަށެވެ. ފަރަށް އެރުމާއި ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ނުނިމި އޮތަސް، ބްރިޖުގެ މަސައްކަތަށް މަޑުޖެހުމެއް ނާންނޭނެ ކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

އެ ޕްރޮސެސް ކުރިއަށް ދިޔަ ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ބްރިޖުގެ މަސައްކަތަށް ލަސްވާން ޖެހޭ ސަބަބެއް ނޫން އެއީ، ޑިސްޕިއުޓެއް އޮވެދާނެ، ތިމާވެއްޓަށް ގެއްލުމެއް ވީ ކަމަށް ވަންޏާ އެވީ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން.

– އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން ހަދައި، ވިލިނގިލީ ފަރަށް ގެއްލުން ލިބުނުތޯ ބެލުމަށް އެސެސްމަންޓެއް ހަދަމުންދާ ކަމަށެވެ. އަދި އެ އެސެސްމަންޓު ހަދާ ނިމުމުން، ގެއްލުންވި މިންވަރާއި ޖޫރިމަނާއަށް އަރާނެ އަދަދު ދެނެގަނެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެ ހާދިސާގެ ސަބަބުން ބްރިޖުގެ މަސައްކަތް ލަސްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެއާއެކު ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގުފަހި ވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *