ބަންގްލަދޭޝްއާއި ނޭޕާލް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު އެއްވަރު ވެއްޖެއެވެ.
އަންގާރަ ދުވަހު ޑާކާގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ބަންގްލަދޭޝްގެ ދައުވަތަކަށް ނޭޕާލުން ޑާކާއަށް ގޮސް ކުޅުނު އެކުވެރިކަމުގެ ދެމެޗުގެ ތެރެއިން ބަންގްލަދޭޝް ފުރަތަމަ މެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގައި ބަންގްލަދޭޝް ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗެވެ. އެއީ ހެޑް ކޯޗު ޖެމީ ޑޭ، ކޯވިޑަށް ޕޮޒިޓިވްވެ އެކަހެރި ކުރަން ޖެހުމުންނެވެ.
މެދު ކަނޑާލާފައިވާ އޭޝިއަން ކަޕާއި ވޯލްޑްކަޕް ކޮލިފައިންގައި އަންނަމަހު ބަންގްލަދޭޝް އިން ގަތަރާ ދެކޮޅަށް ނުކުންނާނެއެވެ. މިމެޗަށް ފަހު ދެން ކޮލިފައިންގެ ބާކީ ހުރި މެޗުތައް ކުރިޔަށްދާނީ އަންނައަހަރުގެ މާޗު މަހުއެވެ. ރާއްޖޭން މާޗުމަހު ކޮލިފައިންގަ ނުކުންނާނީ ޗައިނާ އާ ދެކޮޅަށެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު ކޮރެއާއިން ގަތަރުގެ މައްޗަށް ކުރިހޯދިއިރު އިރާގުން ވަނީ އުޒްބެކިސްތާން ބަލިކޮށްފައެވެ. ޖެމެއިކާއާއި ސައުދީ ވާދަކުރި މެޗު ޖެމެއިކާ އިން ކާމިޔާބުކުރި އިރު މެކްސިކޯ ވަނީ ޖަޕާނު ބަލިކޮށްފައެވެ.