އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ޔާމިންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ފާސިގުންގެ ހެކިބަހުގެ މައްޗަށް ކަމަށް

ޒިޔަތާއި އަދީބުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމައިފި

ޒިޔަތާއި އަދީބުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމައިފި

ގުޅުންހުރި

އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުގުލުގައި ތިބި ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުއާއި، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ދިފާއުން އެދިގެންނެވެ.

ވ.އާރަށުގެ މައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމެވެ. ކޮންމެ ދުވަހަކުވެސް ހެކިންގެ ހެކިބަސް ނަގަން ގިނަ ވަގުތު ނަގާތީ މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ކޮންމެ ދުވަހަކުވެސް އެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ނިންމާފައެވެ. އެގޮތުން މިއަދު ހެކިބަސް ނަގަން ތައާވަލުކޮށްފައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

ނަމަވެސް މި މައްސަލާގައި ހިމެނޭ ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ދިފަޢީ ވަކީލް ހަމްޒާ ލަތީފް ވަނީ އެކަމަށް އިއުތިރާޒްކޮށްފައެވެ. އޭގެ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވީ ޒިޔަތާއި އަދީބަކީ މި މައްސަލައިގައި އެއްކަމަކާ ގުޅިގެން ހެކިބަސް ދޭ ދެ ފަރާތް ކަމަށްވެފައި، އެއް ބޭފުޅެއްގެ ހެކިބަސް ކުރިން ނަގައިފިނަމަ އަނެއް ބޭފުޅާގެ ހެކިބަސް އެގޮތަށް ބައްޓަށް ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

މީގެ އިތުރުން މި މައްސަލައިގެ ޝަރީޢަތަކީ ލައިވްކޮށްގެން ކުރިއަށްގެންދާ ޝަރީޢަތަކަށްވާތީ އަދީބަށް ނުފެންނާހެން ހެކިބަސްނަގައިދިނުމަށްވެސް ހަމްޒާ އެދުނެވެ. މިގޮތުން އެއްބޭފުޅަކު ހެކިބަސް ދޭއިރު އަނެއްބޭފުޅަކު ކޯޓުގައި ބަންދުގައި ބެހެއްޓުމަށް ހަމްޒާ އެދުނެވެ. އަދި މިއީ ބޭރު ޤައުމުތަކުގައިވެސް އަމަލުކުރާ ގޮތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމްޒާގެ މި ހުށައެޅުމަށް ޔާމީންގެ ދިފާޢީ ވަކީލުންވެސް ވަނީ ތާއީދުކުރައްވާފައެވެ. އަދި ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ތާވަލުކޮށްފައިވާ އަޑުއެހުމުގައި އެ ދެ ބޭފުޅުން ހެކިބަސް ނަގާނެކަމަށް ޤާޟީ ވިދާޅުވިއެވެ. މީގެ އިތުރުން މިމަހުގެ 30ގައިވެސް އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިހާރުވެސް ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތުވަނީ މީގެ ކުރިންވެސް ކޯޓުގައި ރައީސް ޔާމިންއާއި ދެކޮޅަށް ހެކިބަސް ދީފައެވެ. ޒިޔަތު މީގެ ކުރިންވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމަށް އެއްބަސްވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ