ޝީޝާގެ ތިން ބެއިންގެ ޖިންއިންޓް އެކައުންޓުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލާގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
ކުރިން ދަށު ކޯޓުން ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ އެމީހާގެ މައްޗަށް ކުށް ސާބިތުވީ ހައިކޯޓުންނެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ޝީޝާގެ ތިން ހިއްސާދާރުންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓުން 18 މިލިއަން ރުފިޔާ ބަޔަކު ނަގާފައިވަނީ ސޮއި ފޯޖުކޮށްގެންނެވެ. މިކަން ހިނގާފައިވަނީ 211 ވަނަ އަހަރުއެވެ.
މިއީ ސޮއި ފޯޖުކޮށްގެން މިހާގިނަ ފައިސާ ނެގިކަމަށް ރާއްޖޭގައި ތުހުމަތުކުރެވޭ އެންމެ ބޮޑު މައްސަލައެވެ. މި މައްސަލާގައި ކުރިން ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ މަކަރާއި ހީލަތުގެ ދައުވާއެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.
މި މައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ފޯޖް ލިޔުމެއް ބޭނުންކޮށްގެން ޝީޝާގެ ތިން ބެއިންގެ އެކައުންޓުން އެ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ ޝާހިދުގެ އިތުރުން އިތުރު މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތް ޖޮއިންޓް އެކައުންޓަކަށްކަމަށެވެ. އަދި އެ އެކައުންޓަށް ފައިސާ ޖަމާވުމުން ތިން ފަހަރެއްގެ މަތިން އެތައް މިލިއަން ރުފިޔާއެއް އެ އެކައުންޓުން ނެގޭ ގޮތަށް ޗެކް ދޫކޮށް، އެ ފައިސާ ނަގާފައިވާކަމަށްވެސް ހައި ކޯޓުގެ ޙުކުމުގައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުގައި ޝާހިދާއެކު ޖޮއިންޓް އެކައުންޓް ހުޅުވާފައިވާ ދެވަނަ މީހާގެ ހެކިބަހުން އެނެގެނީ އެ އެކައުންޓް ބޭނުން ނުކުރާތާ އެތައް ދުވަހެއް ފަހުން، އެ އެކައުންޓް ބޭނުން ކުރިޔަސް އެންމެ ރަނގަޅުތޯ ޝާހިދު، އޭނާއާ ސުވާލު ކޮށްފައިވެއެވެ. ނަމަވެސް ފަހުން އެ އެކައުންޓުން ފައިސާ ނެގޭ ގޮތަށް ޗެކްތަކެއް ލިޔެގެން ޝާހިދު އެ މީހާ ގާތަށް ދިއުމުން އޭގައި ސޮއިކުރީކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން ހުކުމުގައި ބުނެފައިވާގޮތުގައި އެ އެކައުންޓުން ފައިސާ ޖަމާވުމުން ޝާހިދު އޭނާގެ ލޯނުތައް އަދާކޮށްފައިވާކަމަށް ދެވަނަ މީހާ ގާތު ބުނެފައިވެއެވެ. ޝާހިދުގެ ޖޮއިންޓް އެކައުންޓަށް ފައިސާ ޖަމާވުމުން ޗެކްތަކެއް ދޫކޮށްގެން އެ ފައިސާ ޖަމާކުރީ ޑޮލަރު ގަތުމުގެ ނަމުގައި އެހެން މީހެއްގެ އެކައުންޓަށެވެ. އަދި އެ އެކައުންޓުން ނަގުދުކޮށް އެހެން މީހަކު ފައިސާ ނެގުމުން އޭނާއާ އެކު ޝާހިދު ފުރައިގެން ރާއްޖެއިން ބޭރަށް ދިޔައީކަމަށްވެސް ޙުކުމުގައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ އެސްބީއައިއަށް ފޯޖްކޮށްފައިވާ ލިޔުންތަކެއް ފޮނުވީ ޝާހިދު ނޫންކަމަށް އޭނާ ބުނިނަމަވެސް، އެކަން ސާބިތުކޮށްދެވޭ ފަދަ އެއްވެސް ހެއްކެއް އޭނާއަކަށް ނުދެއްކެއެވެ. އަދި ދައުލަތުން އޭނާއާއި ދެކޮޅަށް ޤަރީނާއާއި ހެކި ހުށައެޅިނަމަވެސް ދައުވާގެ މަރުހަލާގައި އޭނާ ހަނު ހުރުމުން، ދައުލަތުގެ ހެއްކާ ގަރީނާއަކީ އިތުރު ބާރު ލިބޭ ހަރުދަނާ ގަރިނާއެއްކަމށްވެސް ފަނޑިޔާރު މުޙައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވީ ބެންޗުން ކުރި ހުކުމުގައިވެއެވެ.
ސޮއި ފޯޖުކޮށްގެން މިހާ ބޮޑު އޮޅުވާލުމަކުން ފައިސާ ހޯދި މައްސަލާގައި ޝާހިދު ހައްޔަރުކޯށްފައިވަނީ އިންޓަޕޯލް ރެޑް ނޯޓިން ނެރެގެން އޭނާ ސްރީލަންކާގައި ހުއްޓައި 2012 ވަނަ އަހަރުއެވެ. އޭނާއާއި އެކު އިތުރު ބަޔަކު ހައްޔަރުކުރިނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.
އެކައުންޓުން ފައިސާ ދޫކުރި މައްސަލާގައި ޝީޝާގެ ތިންބެއިން ވަނީ އެސްބީއައިއާއި ދެކޮޅަށްވެސް ދައުވާކޮށްފައެވެ. ގެއްލުނު ފައިސާގެ ތެރެއިން ނުލިބި އޮތް 13 މިލިއަން ރުފިޔާ އެސްބީއައިގެ ފަރާތުން އެ ތިން ބެއިންނަށް ދޭންޖެހޭނެ ކަމަށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ.