އައްޑޫ މަގު ހެދުމުގެ ފެންވަރު ދަށް، ޝަކުވާތަކުގެ އަޑު ހައުސިންގ މިނިސްޓްރީން ނޭހި: ނިޒާރު

އައްޑޫ މަގު ހެދުމުގެ ފެންވަރު ދަށް، ޝަކުވާތަކުގެ އަޑު ހައުސިންގ މިނިސްޓްރީން ނޭހި: ނިޒާރު

Author
ހުސެއިން
13 އޮގަސްޓް 2022 07:03
0

އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށާއި، އެހެންނަމަވެސް މިމަސައްކަތް މިހާރު ކުރިޔަށް ދާގޮތުން ރަގަޅު ފެންވަރަކަށް، ގިނަ ދުވަހަށް ދެމިއޮންނަ ގޮތަކަށް މިމަސައްކަތް ނިންމިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މަގުހެދުމުގެ ބިޔަ މަޝްރޫއު ކުރިޔަށްދާ ގޮތާއި ގުޅޭގިތުން ހިންހަމަ ނުޖެހުން ފާޅުކޮށް، ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމަސައްކަތުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓަކީވެސް އެއް ގައުމަކަށް ނިސްބަތްވާ، ގުޅުންއޮތް ބައެއް ކަމަށާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާތައް ބޮޑު ކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވެފައިވަނީ، މި ޝަކުވާތައް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ތަކުރާރުކޮށް މަސައްކަތުގެ ވެރިފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި ހިސާ ކުރަމުން ދާކަމުގައެވެ. އެހެންނަމަވެސް މިޝަކުވާތަކަށް ހައްލެއް ނުލިބި، މިމަސައްކަތް ނިމޭއިރު، ހަދަމުންދާ މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމުގައިވެސް ނިޒާރުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ނިޒާރު ވިދާޅުވެފައިވާ ގޮތުގައި، މިމަގުތައް ހަދާ ނިމޭއިރު ރަގަޅު ފެންވަރަކަށް މަގުތަ ހެދިފައި އޮތުމަކީ އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުންވެސް އެދޭ ގޮތްކަމަށާއި، އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ދާގޮތުން، މިމަގުސަދު ހާސިލް ވެދާނެކަމާމެދު މިހާރު ޝައްކު ހީވެފައި ވާކަމުގައެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މި ޕްރޮޖެކްޓަކަށް 147.1 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓު ދެ އަހަރުތެރޭގައި ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
އިންޑިޔާ ކުންފުނި ތަކަކީ އަމިއްލަ ރަށުގައި ވެސް ދަށްފެންވަރުގައި މަކަރުވެރި ހީލަތްތެރި ޕުރޮޖެކްޓު ހިންގާ ބައެއް. އެހެންވީމާ ތިޔަ މަގުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ނުހިފޭނެކަމީ ޔަގީންކަމެއް. ކޮރަޕްޝަން ޒިންދާބާދު...