ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު، 3 ބިލިޔަން ރުފިޔާގެ ބިލު ނުދައްކާހުރި: އަދުރޭ

ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު، 3 ބިލިޔަން ރުފިޔާގެ ބިލު ނުދައްކާހުރި: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 05:10
0

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު ބިލްތަކުގެ ގޮތުގައި އެކަނިވެސް ނުދައްކާ 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބިލު ހުރިކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދަރަނީގެ ވާހަކަ ދައްކަން ރައީސް ނަޝީދު ގިނިކަންޏާ ޕޯޑިއަމަކަށް އަރާވަޑައިގެން ވާހަކަ ދެއްކެވިއިރު، އެމަނިކުފާނު ވެރިކަން ނިންމާލާފައި، އިސްތިއުފާ ދެއްވިއިރު، ދަރަނީގެ އަދަދުތައް ހުރިގޮތް ބަލައިލުމުން މިޤައުމު ދަރަނިވެރިކުރުވީ ކާކުކަން ސާފުވާނެކަމަށެވެ. އެމަނިކިފާނުގެ ވެރިކަމުގައި ދަރަނި އިންތިހާއަށް އަރާފައިވާއިރު، ބިލުތަކުގެ ގޮތުގައި އެކަނިވެސް 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި ހުރިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި ނެގިވާހަކަ ދައްކަވާއިރު، މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ނެގި ދަރަނިން ސަލާމަތްނުވެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތުމުން ދުނިޔޭގެ އެއްވެސް ޤައުމަކުން މިއަދު މިސަރުކާރަށް ލޯނެއްވެސް ދޭން ބޭނުން ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ބޭރު ޤައުމުތަކުން މިސަރުކާރާއި އޮތް ގުޅުން ކަނޑާލައި ސަރުކާރަށް މާލީ އެހީތެރިކަން ހުއްޓާލުމުން ފެނިގެންދަނީ ޤައުމުގެ ހަރުމުދާ ވިއްކުމާއި ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރުކަމަށެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ދިވެހިންގެ ޞިއްޚީ ކަންކަން ރަނގަޅު ކުރުމަށް އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލަކީ މިއަދު ރަނަށްވެ، އެތަންވެސް ވިއްކާލަން ދިމާކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ބޮޑު ހާއްޔެއްކަމަށް ސިފަކުރި އިމާރާތުގެ އަގު މިއަދު 600 މިލިޔަން ޑޮލަރަށްވުރެއް މައްޗަށް އަރާފައިވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރަކީ މިއަދު ރައްޔިޔުންގެ އިތުބާރު ގެއްލިފައިވާ އެއްވެސް އުސޫލެއް ހަމައެއްނެތި ވެރިކަން ކުރަމުންދާ ސަރުކާރެއްކަމަށެވެ. އެއްވެސް އަމާޒެއްނެތި ވެރިކަން ކުރަމުންދާއިރު، މިކަމުގެ ހުރިހާ ގެއްލުމާއި ތަކުލީފް ކުރިމަތިވަމުންދަނީ ދިވެހި ރައްޔިތުންނަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް މިޖައްސާ ހާލާއި ދެމުންދަ އަނިޔާގެ ބަދަލު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްވާނެ ކަމަށެވެ. ރައްޔިތުން ތިބީ ދިމާވާ ކޮންމެ ވޯޓެއްގައި މިސަރުކާރު ބޮޑުތަނުން ބަލިކޮށް ފަލީހަތް ކޮށްލުމަށް ތައްޔާރަށް ކަމަށެވެ. މިއަދު ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭއިރު، ޤައުމަށްވެސް ހެޔޮތަކަށް ކަމެއް މިސަރުކާރުން ނުކުރާކަމަށާއި، މިއަދު މިސަރުކާރާއި ދެކޮޅަށް ނިކުތުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޤައުމީ ވާޖިބެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.