އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންޗީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން، ޗައިނާއިން އެެމެރިކާއާއެކީ ކުރިޔަށް ގެންދިޔަ އަސްކަރީ މަޝްވަރާރައް މެދުކަނޑާލާ، އަދި ދަމަހައްޓަމުން އައި އެހެނިހެން ގުޅުންތައްވެސް ހުއްޓުމަކަށް ގެނެސްފިއެވެ.
ޗައިނާއިން އެމެރިކާއާއި އެކީ ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ގުޅުންތަކުގެ ތެރޭގައި އަސްކަރީ އަދި ތިމާވެށީގެ ގުުޅުންތަކުގެ އިތުރުން ޑްރަގާއި ދެކޮޅަށްވެސް ދެގަައުމުން ދަމަހައްޓަމުން އައި ގުޅުންތައްވެސް ހިމެނެއެވެ.
ޗައިނާއިން މިއަދު އިއުލާން ކޮށްފައިވާ މި ފިޔަވަޅުތަކަކީ، ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާނަށް އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެމެރިކާއާއި ދެކޮޅަށް އަޅާނޭކަމަށް ޗައިނާއިން އިއުލާން ކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ބައެއް ފިޔަވަޅުތަކެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ދެކޮޅު ހެދުމުގެ ގޮތުން، ޓައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ވަރުގަދަ ތަމްރީންތައް ފަށާ އަދި ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްތަކަށް ވެއްޓޭގޮތަށް ބެލެސްޓިކް މިސައިލްތައްވެސް ޗައިނާއިން މިއަދުވަނީ އުދުއްސާލާފައިއެވެ.
ޓައިވާންއިން އެހެން ގައުމުތަކާއެކީ ގުޅުންތައް ދެމެހެއްޓުމަކީ ޗައިނާއިން އަބަދުވެސް ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
ޗައިނާގެ ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އޭރިއާ ކޮމާންޑަރުންނާއި އަދި ދެގައުމުގެ ޑިފެންސް ޑިޕާޓްމަންޓުގެ އިސްވެރިންގެ މެދުގައި މިހާތަނަށް ބާއްވަމުންއައި ހުރިހާ މަޝްވަރާތަކެއް ކެންސަލް ކުރުމުގެ އިތުރުން އަސްކަރީ މެރިޓައިމް ސެކިއުރިޓީއާއި ގުޅޭގޮތުން ބާއްވަމުންއައި ވާހަކަތައްވެސް ކެންސަލް ކުރުމަށް ހަމަޖެހިފައި ވާކަމުގައެވެ.
މީގެ އިތުރުން، ގާނޫނާ ޚިލާފަށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ މީހުން ހަވާލުކުރުމާއި ގުޅޭގޮތުން އެއްބާރުލުން ދިނުމާއި، ޖިނާއީ ތަހުގީގުތަކާއި، ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާއި ގުޅޭގޮތުން ދަމަހައްޓަމުންދާ ގުޅުންތަކާއި، ޑްރަގް އެތެރެކުރުމާއި ގުޅޭ ގުޅުންތަކުގެ އިތުރުން، މޫސުމީ ކަންކަމުގައިވެސް އެމެރިކާއާއެކީ ދަމަހައްޓަމުންއައި ގުޅުންތައް ޗައިނާއިން ހުއްޓާލާފައިވާކަންވެސް ޗައިނާގެ ފޮރިންގ މިނިސްޓްރީން މިއަދުވަނީ ހާމަ ކޮށްފައެވެ.
ޕެލޯސީ ޓައިވާންއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ޗައިނާއިންވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެކަން ވެގެންދާނީ އަލިފާނާ ކުޅުފަދަ ކަމަކަށް ކަމަށް ބުނެފައެވެ.
މިނިވަންކަން އިއުލާން ކޮށްފައި ނުވިނަމަވެސް ޓައިވާންއަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ، ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދައުވާ ކުރަމުންދާ ގައުމެކެވެ. އަދި އެމެރިކާއިން ދަނީ ނުރަސްމީ ސިފައެއްގައި އަބަދުވެސް ޓައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޗައިނާއިން އަބަދުވެސް ބުނަމުން އަންނަނީ ޓައިވާންއިން އެގައުމުގެ މިނިވަންކަން އިއުލާން ކޮށްފިނަމަ އަސްކަރީ ބާރުގެ ބޭނުން ބޭނުންކޮށްގެ ޓައިވާން ހިފާނެކަމުގައެވެ.