ޗައިނާއިން ޓައިވާން ވަށާލައި، އަސްލު ހަތިޔާރުގެ ބޭނުން ކޮށްގެން، އަސްކަރީ ތަމްރީންތައް ފަށައިފި

ޗައިނާއިން ޓައިވާން ވަށާލައި، އަސްލު ހަތިޔާރުގެ ބޭނުން ކޮށްގެން، އަސްކަރީ ތަމްރީންތައް ފަށައިފި

Author
ހުސެއިން
04 އޮގަސްޓް 2022 09:39
0

އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ދެކޮޅު ހެދުމުގެ ގޮތުން، ޓައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ވަރުގަދަ ތަމްރީންތައް ފަށާ އަދި ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްުތަކަށް ވެއްޓޭގޮތަށް ބެލެސްޓިކް މިސައިލްތައް ޗައިނާއިން މިއަދު އުދުއްސާލާފައިއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި، ޗައިނާއިން ބާއްވަމުންދާ މި ވަރުގަދަ އަސްކަރީ ތަމްރީންތަކުގައި ޗައިނާގެ 22 ފައިޓަރ ޖެޓެއްވަނީ  ޓައިވާން ސްޓްރެއިޓް ހުރަސްކޮށް ދަތުރު ކޮށްފައެވެ.

މިގޮތުން ޓައިވާންގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން ޓައިވާންގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ ފައިޓަރ ޖެޓްތައް ދެނެގަތުމަށްޓަކާ "އެއަރ ޑިފެންސް މިސައިލް ސިސްޓަމް' މިހާރުވަނީ މަސައްކަތް ކުރަން ފަށާފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ހާމަ ކޮށްފައިވާ ގޮތުގައި، އެގައުމުގެ ގަޑިން މިއަދުގެ މެދުރަށްފަހު، ޓައިވާންގެ ވަށައިގެންވާ ހަ ސަރަހައްދެއްގައި އަސްލު ހަތިޔާރުގެ ބޭނުން ކޮށްގެން މިހާރުވަނީ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފެށިފައެވެ. އަދި މި ތަމްރީންތައް އަންނަ އާދީއްތަ ދުވަހާއި ހަމައަށް ކުރިޔަށް ދާނޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޕެލޯސީ މިދަތުރުފުޅު ކުރައްވައިފިނަމަ، ބަދަލުގައި ޗައިނާއިން ވަރަށް ވަރުގަދަ ރައްދެއް ދޭނެކަމުގައި ކުރިން އެގައުމުން ބުނެފައި ވެއެވެ. ޗައިނާއިން ބުނެފައިވަނީ މިފަދަ ދަތުރުފުޅެއް ޗައިނާއިން ދެކޭނީ ޗައިނާ ޓައިވާންގެ މައްސަލަ ގަސްތުގައި ގޯސްކުރުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅަކަށް ކަމުގައެވެ.

ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަހާންގ ޖުންގ ވިދާޅުވެފައިވަނީ ޓައިވާން ކަނޑުގައި ޗައިނާއިން މިހާރު ކުރިޔަށް ގެންދާ އަސްކަރީ ތަމްރީން ތަކަކީ، އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ޗައިނާގެ ނުރުހުމާއެކު، ޓައިވާނަށް ކުރެއްވި ދަތުރުފުޅަށް ރައްދު ދިނުމުގެ ގޮތުން ކުރިޔަށް ދާ އަސްކަރީ ތަމްރީންތަކެއް ކަމުގައެވެ.

ޕެލޯސީ ޓައިވާންއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ޗައިނާއިންވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެކަން ވެގެންދާނީ އަލިފާނާ ކުޅުފަދަ ކަމަކަށް ކަމަށް ބުނެފައެވެ.

މިނިވަންކަން އިއުލާން ކޮށްފައި ނުވިނަމަވެސް ޓައިވާންއަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ، ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދައުވާ ކުރަމުންދާ ގައުމެކެވެ. އަދި އެމެރިކާއިން ދަނީ ނުރަސްމީ ސިފައެއްގައި އަބަދުވެސް ޓައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޗައިނާއިން އަބަދުވެސް ބުނަމުން އަންނަނީ ޓައިވާންއިން އެގައުމުގެ މިނިވަންކަން އިއުލާން ކޮށްފިނަމަ އަސްކަރީ ބާރުގެ ބޭނުން ބޭނުންކޮށްގެ ޓައިވާން ހިފާނެކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.