ދަރުމަވަންތަ ރަހުނުކުރަން ނިންމުމާއި ގުޅިގެން އެމްއާރުއެމްގެ ނާއިބު ރައީސްގެ ފާޑުކިއުން ސަރުކާރަށް

ދަރުމަވަންތަ ރަހުނުކުރަން ނިންމުމާއި ގުޅިގެން އެމްއާރުއެމްގެ ނާއިބު ރައީސްގެ ފާޑުކިއުން ސަރުކާރަށް

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2020 08:42
0

ކުރީސަރުކާރަށް ތުހުމަތުކުރާ ވައްކަމުގެ މައްސަލަތައް މިސަރުކާރަށް ނުބެލި، ކޮރަޕްޝަންގެ މައްސަލަތަކަށް ފަސްއެޅި ނިމެނީކަމަށް ވިދާޅުވެ މިސަރުކާރުގެ ކޯލިޝަން އެއް ބައިވެރިޔާ، އެމްއާރުއެމްގެ ނާއިބު ރައީސް އާމިނަތު ނާދިރާ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި އަދި މިހާތަނަށް ރާއްޖޭގއި ޢިމާރަތްކުރި އެންމެ އުސް ޢިމާރާތް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް މިސަރުކާރުން ސްކޫކް ވިއްކަން ނިންމުމާއި ގުޅިގެން، އެކަމަށް އިޝާރާތްކުރައްވާ މިސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާ ކެމްޕެއިން ހަރަކާތްތަކުގައިވެސް އެންމެ ކުރީ ސަފުން ފެނިވަޑައިގެންނެވި ނާދިރާ ކުރެއްވި ޓްވީޓެއްގައި ވަނީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮރަޕްޝަންތައް ބަލައި ނިމި ރަހުނުކުރަނީތޯ ސުވާލުކުރެއްވިއެވެ.

ވައްކަމެއްވެސް ނުބެލުނު، ކޮރަޕްޝަންވެސް ފަސްއެޅި ނިމެނީ. ވަޢުދުތައް ރަނުން ރަނަށް.

-އެމްއާރުއެމްގެ ނާއިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައީ، ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި، ވައްކަމުގެ މައްސަލަތައް ބަލައި އިންސާފު ޤާއިމްކޮށްދޭނެކަމުގެ ވަޢުދާއެކުއެވެ. ނަމަވެސް މިހާތަނަށްވެސް އެމައްސަލަތައް ނުބެލި އިންސާފް ޤާއިމްކުރެވިފައިނުވާކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ މުއާމަލާތެއްކަމަށާއި، އެއީ ދާއިމަށް ފެންނަންހުރި ކޮރަޕްޝަންގެ ރަމްޒީ ބިނާއެއްކަމަށްވެސް މިސަރުކާރުގެ އިސް ބޭފުޅުންވަނީ ސިފަކުރައްވާފައެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވެ، ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.