މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް މާލޭ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައި ބޭއްވުމަށް އެމްޑީޕީން އެދިއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލްގައި އެމްޑީޕީ ޤައުމީ ކޮންގްރެސް ބޭއްވުމަށްޓަކައި އެޕާޓީން ވަނީ ޔޫތު މިނިސްޓްރީގައި އެދިފައެވެ. ޒުވާނުންގެ މަޒުކަރު އިންޑޯ ހޯލަކީ މިހާރު އޭސީ ކުރެވިފައިވާ ތަނަކަށްވުމުން މިފަހުން ބައެއް ހަފްލާތައްވެސް އެތަނުގައި ވަނީ ބާއްވާފައެވެ. އެގޮތުން ރައީސުލްލްޖުމްހޫރިއްޔާ އޮފީހުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ޚާއްސަ ހަފްލާވެސް ބާއްވާފައިވަނީ ޔޫތު ސެންޓަރ އިންޑޯ ހޯލުގައެވެ.
މި މަހުގެ 19 ވަަނަ ދުވަހު ބާއްވާ އެ ކޮންގްރެސްގައި ބައިވެރިވެވެނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި ތިބި މެންބަރުންނަށެވެ. އީސީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންތަކެއް ނެތް މައްސަލަ ފެންމަތިވެ އެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާއި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ގޮތުގެ ހުށަހެޅުންތައް ހުށަހެޅުން ވެސް ކޮންގްރެސްގެ އެޖެންޑާގައި އޮންނާނެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.
ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެއެވެ.
އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ