ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 52.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގދ. އަތޮޅަކީ އެކާވީސްހާސް ރައްޔިތުންގެ ބޮޑު އާބާދީއެކެވެ. މި އާބާދީގެ ބޮޑު ބަޔެއް ވައިގެ މަގުން ގދ. އަތޮޅަށް ދަތުރުކުރުމަށް ބޭނުންކުރާ މަންޒިލަކީ ކާޑެއްދޫ އެއަރޕޯޓެވެ. ހަމައެހެންމެ ކާޑެއްދޫއަކީ ވަކިން އޮންނަ ރަށެއްކަމުން، ކައިރީގައިވާ ރަށްތަކުން އެއަރޕޯޓަށް އައުމަށާއި ދިޔުމަށް ބޭނުންކުރާ އެންމެ މުޙިންމު އެއް ތަނަކީ ގދ. ކާޑެއްދޫ ބަނދަރެވެ. މި އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫގެ ބަނދަރުގެ ބޭނުން މުހިއްމުވާ މިންވަރަށް ރިއާޔަތްކުރުމަށްފަހު މި ކުންފުނިން ވާނީ މި މަސައްކަތް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ހަވާލުކޮށްފައެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ