އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ވަނީ ގަބޫލު ކުރައްވާފައެވެ. ރައީސް ޔާމީނާއި ރިޔާސީ ޓިކެޓް ހަވާލު ކުރުމަށްޓަކައި ޚާއްސަ ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްވެސް އެކޯލިޝަނުން ދަނީ ތައްޔާރު ވަމުންނެވެ.
ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށެވެ. ރައީސް ޔާމީންގެ ޒަޢާމަތެއްގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތެއްކަމުގައި އަދުރޭ ވިދާޅުވިއެވެ.
މާތް ރަސްކަލާންގެ ތަނަވަސް ރަޙުމަތްފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން. އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް. ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް.
– އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެއެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ