ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަމަށެވެ. އަދި އިސްލާމްދީނުގެ ނޫރު ދިވެހިފަސްގަނޑުގައި ދެމެހެއްޓުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރަން. މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) November 16, 2020
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ އެއްވަނަ ދުވަހުއެވެ. ދިވެހި ތާރީޚްގެ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ.
ރާއްޖޭ އިސްލާމްވި ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ޤައުމުގެ އެކިކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ.
ކޮމެންޓު ފޮނުވާ