އަންނަ ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ވިދާޅުވީ އަންނަ ހަފްތާގައި މެދު ރާއްޖެތެރެ އާއި ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މާދަމާ ވެސް ރާއްޖެއަށް މޫސުން އޮންނާނީ ބަނަކޮށް ނަމަވެސް މާދަމާގެ މޫސުން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރަ އިން ލަފާކުރައްވައެވެ.
އެހެން ނަމަވެސް ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާ ނިމެންދެން ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.
ސްކޫލް ޗުއްޓީއަށް ވުމާއި މިދުވަސްވަރަކީ ދިވެހިން އާންމުކޮށް ދަތުރު ފަތުރުކުރުން ގިނަ ދުވަސްވަރަކަށް ވުމުން، އަންނަ ހަފުތާގައި ކަނޑުދަތުރުތައް ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރައްވައެވެ.
މިއަހަރުގެ މެދުތެރޭ މުޅި ރާއްޖެއަށް ކުރި މޫސުމ ވިއްސާރާގައި ދެކުނުގެ ހަތަރު އަތޮޅުގެ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.