ކޯވިޑް ކޭސްތަކުގެ ޢަދަދު ދަށަށް

ކޯވިޑް ކޭސްތަކުގެ ޢަދަދު ދަށަށް

Author
މުޙައްމަދު ޖިމީ
25 ޖުލައި 2022 05:49
0

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ޢަދަދުތައް ދަށަށްދާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 އިން 23 އަށް ރާއްޖޭން ކޯވިޑް ޕޮޒިޓިވްވެފައިވަނީ 394 މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 69 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 236 މީހެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވި 89 މީހަކު ހިމެނެއެވެ. މިއީ ޖުލައި މަހުގެ ވޭތުވެދިޔަ 3 ހަފްތާއާއި އަޅާބަލާއިރު ދަށްވުމެކެވެ. ޖޫން މަސް ނިމި ޖުލައިމަސް ފެށުނުއިރު، ރާއްޖޭގައި ކޯވިޑް ޢަދަދުތައް ހުރީ 1000 މަތީގައެވެ.

ކޯވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ޢަދަދުތައްވެސް މިހާރު ވަނީ މަޑުމަޑުން ދަށްވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޑްމިޓްކޮށްފައިވަނީ 28 މީހުންނެވެ. އޭގެ ކުރީ ހަފްތާގައި މި ޢަދަދު ހުރީ 35 ގައެވެ. އަދި ޖުލައި މަސް ފެށުނުއިރު މި ޢަދަދު ހުރީ 54 ގައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 184،302 އަށް އަރާފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 307 މީހަކު ނިޔާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.