ވިލިމާލޭގައި ހައުސިންގ މަޝްރޫޢެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އާ ޗެއާމަން ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، އާ ހައުސިން މަޝްރޫއަށް އެ ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ޝަރީފް ވިދާޅުވީ، މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ބޭނުންވާނެ އެންމެ މުހިއްމު އެއް މާހައުލަކީ ހިތްހަމަޖެހުން ލިބޭ ފަދަ މާހައުލެއް ގާއިމުކުރުން ކަމަށާއި ސްޓެލްކޯގެ ތެރެއިން އެ ހިތްހަމަޖެހުން ހޯދައި ދޭންކަމަށެވެ.
މިފަހަރު ހައުސިންގ އަޅުގަނޑުމެން އަމާޒުކުރާނީ ވިލިމާލެއަށް. އެހެންވީމަ އެތަނުގައި އަޅުގަނޑުމެންގެ ހައުސިންގ ޕްރޮގްރާމެއް ފެށްޓޭތޯ މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ. ބްރިޖް އެޅުމަށްފަހު މާލެއެކޭ ހުޅުމާލެއެކޭ ވިލިމާލެއެކޭ އަނެއްހެން މާ ބޮޑު ތަފާތެއް ނޯންނާނެ.
– ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ކުންފުންޏަށް އަބަދުވެސް މުހިއްމުވާނީ މުވައްޒަފުންގެ މަސްލަޙަތު ކަމަށާއި، މަސައްކަތު މާހައުލަކީ މުވައްޒަފުންނަށް ފަސޭހަ އަދި ހިތްހަމަޖެހޭފަދަ މާހައުލަކަށް ހެދުމަށް ކުންފުނީގެ ބޯޑުން އިސްކަމެއްދޭކަމަށެވެ. އަދި މުވައްޒަފުންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ކުންފުނީގެ ބޯޑުން މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 360 ފްލެޓު ހިމެނޭ 15 ބުރީގެ 2 ޓަވަރުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އަންނަމަހުގެ 6 ވަނަ ދުވަހު ފްލެޓް ލިބުން މުވައްޒަފުންނަށް، އެތަންތަން ދޫކުރާނެކަން ޝަރީފް ވަނީ ހާމަކުރައްވާފައެވެ.
މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
ކޮމެންޓު ފޮނުވާ