އާރުޑީސީން މިހާރު ބުނަނީ، ޑޮލަރު ގަންނަން ކުރި އިއުލާން ބާތިލް ކުރީ ފިނޭންސުން ޑޮލަރު ހަމަޖެހުމުން ކަމަށް

އާރުޑީސީން މިހާރު ބުނަނީ، ޑޮލަރު ގަންނަން ކުރި އިއުލާން ބާތިލް ކުރީ ފިނޭންސުން ޑޮލަރު ހަމަޖެހުމުން ކަމަށް

Author
ހުސެއިން
22 ޖުލައި 2022 08:26
0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ގަތުމަށް ކުރި ޢިއުލާނު ބާތިލުކުރީ އެކުންފުނިން ބޭނުންވާ ޑޮލަރު ފިނޭންސް މިނިސްޓްރީން ހަމަޖެހުމުން ކަމުގައި އެކުންފުނިން ބުނެފިއެވެ.

އާރުޑީސީން ޑޮލަރު ގަންނަ އިއުލާން ކުރުމާއި ގުޅިގެން، އެ ކުންފުންޏަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފަށް، މަޢުލޫމާތު އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ.

އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން ޑޮލަރު ގަންނަން އިއުލާން ކޮށްފައިވަނީ މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން ބޭރު ފައިސާ ވިއްކުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ގަތުމަށް ކަމަށެވެ.

"ނަމަވެސް މި ކޯޕަރޭޝަނަށް ބޭނުންވާ ބޭރު ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއިން ހަމަޖެހުމާއެކު ދެންނެވުނު އިޢުލާން ވާނީ ބާތިލް ކޮށްފައެވެ."

އާރުޑީސީން ބުނެފަވެއެވެ.

އާރުޑީސީގައި ބުނެފައިވަނީ، ޑޮލަރު ގަންނަން އެކުންފުނިން ކުރި އިއުލާން ބާތިލް ކޮށްފައިވަނީ، އެކަން ކުރުމަށް ފިނޭންސުން ނުވަތަ އެހެން އެއްވެސް ފަރާތަކުންވެސް އެކަން ކުރުމަށް އެކުންފުންޏަށް އަންގައިގެން ނޫން ކަމުގައެވެ.

ފިނޭންސް މިނިސްޓްރީން ޑޮލަރު ލިބޭގޮތް ހަމަޖެހުނު ކަމަށް އާރުޑީސީން ހާމަ ކޮށްފައިވި ނަމަވެސް، ދައުލަތުގެ ކުންފުނިތަކަކީ ޑޮލަރު ގަނެ ވިއްކުމުގެ އެއްވެސް މުއާމަލާތެއް އާންމު ގޮތެއްގައި ކުރާ ކުންފުނިތަކެއް ނޫނެނެވެ. އަދި އާރުޑީސީގެ އިސް ބައެއް އޮފިޝަލުންނާ ހަވާލާދީ ގިނަ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކުންފުނިން ޑޮލަރު ގަތުމަށް އިއުލާން ކުރެވިފައިވަނީ އޮޅުމަކުންނެވެ.

ޑޮލަރު ހޯދުމަށް އާރުޑީސީން ކުރި އިއުލާނާއި ގުޅިގެން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާލުވީ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އެކި މަޝްރޫއުތަކަށް ބޭނުން ކުރަމުން ދާއިރު، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި އެމްއެމްއޭއިން އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެއް ނުފެންނަކަމަށެވެ.

މާލީ ނިޒާމްތެރޭން ހިންގާ މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވާން ވަރަށް ބުރަ މަސަތްކަތްތަކެއް އެމްއޭމްގެ ގަވަރނަރ ކުރައްވާކަން ވެސް ފާގަކުރެވޭކަމަށާއި، ލަސްނުކޮށް މިކަން ވެސް ހުއްޓުވާ ކޮޅެއްގައި ޖައްސާނެކަމަށް އުންމީދުކުރާކަމަށް ބޮންޑެ ވިދާޅުވެފައިވެއެވެ.

އާރުޑީސީން ޑޮލަރު ގަތުމަށް ކުރި އިއުލާން ބާތިލް ކޮށްފައިވަނީ އެ ކުންފުނިން ޑޮލަރު ގަންނަން އާންމުކޮށް އިއުލާން ކުރުމާއިގުޅުން އާންމުންގެ ފާޑުކިއުން ވަރަށް އަމާޒުވެގެން ގޮސްފައި ވަނިކޮށެވެ. އާރުޑިސީއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި އަހަރު ނިންމާލަން ޖެހުނު ކުންފުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.