އައިކާއޯގެ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއަރއަކަށް ނަހުލާ

އައިކާއޯގެ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއަރއަކަށް ނަހުލާ

Author
މުޙައްމަދު ޖިމީ
21 ޖުލައި 2022 11:12
0

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގެ ވައިސް ޗެއަރޕާސަންގެ މަޤާމަށް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އިންތިޚާޚާބުކޮށްފިއެވެ. މި މަޤާމަށް މިނިސްޓަރ ނަހުލާ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅީ ސިންގަޕޫރުންނެވެ. އެ ހުށަހެޅުމަށް ތާއީދުކުރީ ގްރީސްއިންނެވެ. މިނިސްޓަރ ނަހުލާ ހޮވިވަޑައިގަތީ ކެނެޑާގެ މޮންޓްރިއަލްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމަށެވެ.

އައިކާއޯ އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި އެހެން ދާއިރާތަކަުން ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި ކާބަން ނިއުޓްރަލް ވުމަށް އައިކާއޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރަން ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅަކީ ސިޔާސީ މަންފާއަށް ބެލުމެއްނެތި މޫސުމީ ބަދަލުތަކުން ޤައުމުތައް ސަލާމަށް ކުރުމަށްޓަކައި ފިޔަވަޅު އަޅަންވީ ވަގުތުކަމަށާއި ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށްޓަކައި މިހާރު ފިޔަވަޅު އަޅައިފިނަމަ އަންނަން އޮތް ޖީލަށް އެކަމުގެ ފައިދާ ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދް ބޮޑަށް ބަރޯސާވެފައި އޮންނަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ދެ ދާއިރާއިން ރާއްޖެއަށް އެތަކެއް ފައިދާތަކެއް ލިބެމުން އަންނަކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އެކަމުން ނޭދެވޭ އަސަރުތައް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ އެންދުން މަދުކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނާއި ގައުމުތަކުގެ ކަމާގުޅޭ ވަޒީރުން ބައިވެރިވާ މިބައްދަލުވުމުގެ މުހިއްމު ނިންމުންތައް އައިކާއޯގެ ކުރިއަށް އޮތް އާންމު ބައްދަލުވުމަށް ހުށަހަޅައި، ގޮތްތަކެއް ނިންމާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާާ އީރީނާ
މަރުޙަބާ މިނިޓަރ ނަޙްލާ ކަނބަލެއްގެ ހައިސިއްޔަތުން ފަޙްރުވެރިވަން. އަދި އިތުރު ކާމިޔާބަށް އެދެން