ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތެއް ބާއްވަމުން ދަނިކޮށް، ބަޔަކު ވަނީ ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދީފައެވެ. މި މައްސަލައިގައި 20އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެ މީހުން ބަންދަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރަތަމަ ފަހަރު 60 ދުވަހަށް ވެސް ބަންދު ކުރިއެވެ.
ރައްޒާން ވެސް ހައްޔަރުކޮށްފައިވަނީ އެ ހަމަނުޖެހުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ފުރަތަމަ ވަނީ ބަންދަށް ފަސް ދުވަސް ދީފައެވެ. އެކަމަކު، ދެވަނަ ފަހަރު ކޯޓުން ނިންމާފައިވަނީ ޝަރުތުތަކާއެކު ދޫކޮށްލުމަށެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގާ ބުނެފައިވަނީ ރައްޒާން ފުރަތަމަ ބަންދުކުރަން އަމުރުކުރީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވާއިރު، ދެވަނަ ފަހަރު އޭނާ ބަންދުކުރަން އެދުނީ ވެސް އެ ރިޕޯޓަށް ބިނާކޮށްގެން ކަމަށެވެ. އެކަމަކު ހަމަނުޖެހުމުގައި ރައްޒާން ބައިވެރިވިކަން އެނގެން ނެތުމުން އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ފޯރާފާނެ ކަމަށް ބެލެވެން ނެތް ކަމުގައެވެ. އެހެންވެ، ހައިކޯޓުން ވަނީ ޝަރުތުތަކާއެކު ރައްޒާން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައެވެ.
ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާނާއި އިތުރު ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އާންމުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.