އެމްޑީޕީގެ ދެ ޗެއަރޕާސަންގެ ނާއިބުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ދެ ޗެއަރޕާސަންގެ ނާއިބުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
19 ޖުލައި 2022 12:23
0

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ދެ ޗެއަރޕާސަންގެ ނާއިބު މަޤާމުގެ މުއްދަތު ހަމަވާތީ އެ މަޤާމަށް ކުރިމަތިލުމަށް އެޕާޓީން ހުޅުވާލައިފިއެވެ.

މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޑެޕިއުޓީ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ އޯގަސްޓް 19 ވާ ހުކުރު ދުވަހު އެޕާޓީގެ ކޮންގްރެސްގައިކަމަށެވެ. އަދި މިއިންތިޚާބުގައި ވޯޓުލެވޭނީ އެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވާ ކޮންގްރެސްގެ ބައިވެރިންނަށްކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އިންތިޚާބަށް ކުރިމަތިލާން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު މިމަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުއްވުމަށް އެމްޑީޕީން އެދެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިިދު ބުނާ ގޮތުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ، އިދާރީ ގޮތުން ޗެއާޕާސަންއަށް އެހީތެރިވުމަށް ހުންނަ މީހެކެވެ. ޗެއާޕާސަން ނެތް ހާލަތެއްގައި އެ މާގަމް ވަގުތީ ގޮތުން ފުރުއްވާނެ މީހަކީ ޗެއާޕާސަން ނައިބު އިދާރީއެވެ. އަދި ޗެއާޕާސަން ނައިބު މާލީ އަކީ އެ ޕާޓީގެ ހަތަރު ވަނައަށް އެންމެ އިސް މަގާމެވެ. އޭނާ އަކީ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާއި ޗަންދާގެ ކަންތައްތައް ޗެއާޕާސަންގެ ބެލެމުގެ ދަށުން އިންތިޒާމް ކުރާ ފަރާތެެވެ.

މިހާރު އެމްޑީޕީގެ ޗެއަރޕާސަން ނާއުބު އިދާރީއަކީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ. އަދި ޗެއަރޕާސަން ނާއިބު މާލީއަކީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.