ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހު، އެ އާއިލާއަކީ ސްރީ ލަންކާގެ ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އާއިލާއެވެ. ވެރިކަމުގެ އެންމެހާ ބާރުތައް މުށުރެތެއަށްލާ، އަދި ރައްޔިތުންގެވެސް ތާއީދާއެކީ އެތައް ފަހަރެއްގެ މަތިން ވެރިކަމަށް ވަޑައިގެންނެވި އާއިލާގެ މައި ތަނބުގެ ގޮތުގައި ބެލެވޭ، މަހިންދަ ރާޖަޕަކްސައަށް އާއިލީގޮތުން ވާރުތަވި "ރާޖަޕަކްސަ"ގެ ނަން އެންމެ ފަހުން އެގައުމުގައި ނިސްބަތް ކުރެވެމުން އައީ ރާޖަޕަކްސަ ޚާންދާނުގެ ގޮތުގައެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ރާޖަޕަކްސަ ޚާންދާނުގެ ވެރިކަމުގެ ބާރުތައް ސްރީ ލަންކާގައި މޫ ލާންފަށާފައިވަނީ މީގެ 30ވަރަކަށް އަހަރު ކުރިން ކަމުގައި ދެންނެވިދާނެއެވެ. އެއީ އުމުރުން އެންމެ 24 އަހަރުގައި، އެގައުމުގެ އެންމެ ޒުވާން މެމްބަރުގެ ގޮތުގައި ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހަށް އިންތިޚާބުވި، މަހިންދަ ރާޖަޕަކްސަ (މިހާރުގެ ރައީސް ގޮޓަބަޔަގެ ދޮށީ ބޭބެ) ނުވަދިހައިގެ ކުރީ ކޮޅުގައި ސްރީ ލަންކާގެ ކެބިނެޓްގެ ލޭބަރ މިނިސްޓަރުކަމާއި (1994-2001) އެންމެ ފުރަތަމަ ހަވާލުވެ ވަޑައިގަތް ހިސާބުންނެވެ. އެއަށްފަހު އައި އަހަރުތަކުގައި މަހިންދަ ރާޖަޕަކްސަ ވަނީ 2004 ވަނަ އަހަރާއި ހަމައަށް ސްރީ ލަންކާގެ އޭރުގެ ސަރުކާރުތަކުގެ ކެބިނެޓްގަ އެތައް ވަޒީރުކަމެއް ކުރައްވާފައެވެ.
މި މުއްދަތުގެ ތެރޭގައި އޭނާ ސްރީ ލަންކާގެ ސިޔާސީ މަސްރަހަށް ރަގަޅަށް ވެދެ ވަޑައިގެން، އޭރުގެ ވެރިންގެ ރުހުން ހޯއްދަވާ، އެގައުމުގެ ބޮޑުވަޒީރުކަމަށް އެންމެ ފުރަތަމަ ވަަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ. އެހަރު ސްރީ ލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު، އިންތިޚާބު ކާމިޔާބު ކުރެއްވި ޗަންދުރިކާވަނީ، އެއިންތިޚާބުގައި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސަށް ލިބިގެންދިޔަ ކާމިޔާބީއާއެކު މަހިންދަ ރާޖަޕަކްސަ އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ.

އަދި ޖެހިގެން އައި 2005 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ފްރީޑަމް ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން އިންތިޚާބަށް ނެރުނީ މަހިންދަ ރާޖަޕަކްސައެވެ. އެއިންތިޚާބު ކާމިޔާބު ކުރެވުމާއެކު، މަހިންދަ ރާޖަޕަކްސަވަނީ، 30 އަހަރަށް ދިގުލައިގެން ގޮސްފައިވާ، ސްރީ ލަންކާގެ އަހުލީ ހަގުރާމަ ނިމުމަކަށް ގެނެސް އެލްޓީޓީގެ ހަގުރާމަވެރިން ބަލިކުރައްވާނޭކަންވެސް އިއުލާން ކުރައްވާފައެވެ.
އަދި މި އިންތިޚާބު ފްރީޑަމް ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރާޖަޕަކްސައަށް ކާމިޔާބު ކުރެއްވުނު ކުރެއްވުން ވެގެން ދިޔައީ، "ރާޖަޕަކްސަ ޚާންދާނުގެ" ސިޔާސީ ހަޔާތުގެ އަސްލު ފެށުން ކަމުގައެވެ.
މުޅި އާއިލާ ވެރިކަމަށް!
2015ވަނަ އަހަރު އެންމެ ފުރަތަމަ ސްރީ ލަންކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމަށްފަހު، މަހިންދަ ރާޖަޕަކްސަ ވަނީ ސްރީ ލަންކާގައި 30 އަހަވަންދެން ކުރެވެމުން އައި އަހުލީ ހަގުރާމައަށް ނިމުމަކަށް ގެނެސްފަައެވެ. މިހަނގުރާމައަށް ނިމުން ގެނައުމަށް ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކުގެ މައްޗަށް، ރިޔާސީ ފުރަތަމަ ދައުރުގައި ރާޖަޕަކްސަ ތަމަޅައިންނާ ދެކޮޅަށް ކުރި ހަނގުރާމައަކީ އަނިޔާވެރި ހަގުރާމައަކަށްވި ނަމަވެސް، އޭރުގެ ސަރުކާރުން ހޯދި މިކާމިޔާބީގެ ސަބަބުން އެގައުމެ އާބާދީގެ މެޖޯރިޓީ އޮންނަ ސިންގހަލަ-ބުޑިސްޓް ދަރިކޮޅުގެ ތާއީދު ވަރަށް ބޮޑަށް އޭނާއަށް ލިބިގެން ދިޔައެވެ.
ނަތިޖާއެއްގެ ގޮތުން ރައީސްކަމުގެ ފުރަތަމަ ދައުރު ނިންމަވާލައްވާ، 2010ވަނަ އަހަރު މަހިންދަ ރާޖަޕަކަސް ވަރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވީ ވަރަށްވެސް ތަނަވަސް އައުލަބިއްޔަތަކުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 2005 ވަނަ އަހަރު ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މުށުތެރެއަށް ލައްވަން ފެއްޓެވި ގިނބާރުތައް އިތުރަށް ވަރުގަދަ ކުރައްވާ، އާއިލާގެ އެއްބަޑު އެއްބަފާ ގިނަ ބޭފުޅުން ކެބިނެޓަށް ގެންނަވާ، ގައުމުގެ މަތިފަޑިއަށް ރާޖަޕަކްސަ އާއިލާގެ ގިނަ ބޭފުޅުން ވަޑައިގެންފައި ވެއެވެ.
އޭގެ ތެރޭގައި، އޭނާގެ ތިން ބެއިން ކަމުގައިވާ، މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައާއި، ބަސިލް އަދި ކަމާލް ސަރުކާރުގެ އެންމެ ބާރުގަދަ ތިން ވުޒާރާއަށް ބެލެހެއްޓެވުން ހިމެނެއެވެ. އޭގެ ތެރޭގައި 2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް (މަހިންދަ ރާޖަޕަކްސަ 2015ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމާއި ހަމައަށް) ސްރީ ލަންކާގެ ސެކެޓްރީ ޓު ދަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާރބަން ޑިވެލޮޕމަންޓްގެ މަގާމް ފުރުއްވާފައިވަނީ ގޮޓަބަޔަ ރާޖަޕަކަސައެވެ.

ބަސިލް ރާޖަޕަކަސް 2005 ވަނަ އަހަރުން 2010 ވަނަ އަހަރާއި ހަމައަށް ރައީސް މަހިންދަ ރާޖަޕަކްސަގެ އެޑްވައިޒަރުކަން ކުރައްވާފައި ވާއިރު، 2007ވަނަ އަހަރު ރާޖަޕަކްސަގެ މެމްބަރެއްގެ ގޮތުގައި އޭނާ ގާނޫނުހަދާ މަޖީހަށް އައްޔަން ކޮށްފައި ވެއެވެ. އަދި މަހިންދަ ރާޖަޕަކްސަގެ ރައީސް ކަމުގައި ދެވަނަ ދައުރުރުގައި އޭނާ އައްޔަން ކޮށްފައިވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުކަމުގެ މަގާމަށެވެ. އެހާތަނުން، އަމިއްލަ އާއިލީ ވިޔަފާރިއެއްގޮތަށް ސްރީ ލަންކާގެ ސަރުކާރު ހިންގަވަން ފެއްޓެވިކަމުގެ ތުހުމަތު ރާޖަޕަކްސަގެ އާއިލާގެ މައްޗަށް ކުރެވެން ފެށުނެވެ.
އެހެންނަމަވަސް މުޅި އާއިލާ ސްރީ ލަންކާގެ ވެރިކަމުގެ ތެރޭގައި އަތްގަދަކޮށް، މަހިންދަ ރާޖަޕަކްސައަށް 3 ވަނަ ދައުރަކަށްވެސް ކުރިމަތިލުމުގެ މަގު ފަހިކުރުމުގެ ގޮތުން، އެންމެފަހުން ރާޖަޕަކްސަ އާއިލާއިން ބޭނުންވި ގޮތަށް، ދެ ދައުރަށްވުރެ އިތުރަށް އެއް ބޭފުޅަކަށް ވެރިކަން ކުރެއްވޭގޮތަށް ރާޖަޕަކްސަގެ ވެރިކަމުގައި އެގައުމުގެ ގާނޫނު އަސާސީވެސް ބަދަލު ކޮށްފައި ވެއެވެ.
2005ވަނަ އަަހަރު ފެށިގެންދިޔަ ރާޖަޕަކްސަ ޚާއްދާނުގެ ވެރިކަމުގެ ފަހަކާއި ޖެހެންދެންވެސް، އާންމުގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ދަމަހައްޓަމުންއައި މަހިންދަ ރާޖަޕަކްސަގެ މަގުބޫލުކަން ދަށްވާން ފެށީ، 2014ވަނަ އަހަރު، އެގައުމުގައި ތެކެތީގެ އަގުތައް އުފުލި، އޭނާގެ އާއިލާގެ މައްޗަށް ކުރެވެފެށި ކޮރަޕްޝަންގެ ތުހުމަތުތަކާއެކު، އަދި މަގާމުގެ ނާޖާއިޒް ފައިދާ އޭނާގެ އާއިލާއިން ނަގަން ފަށާފައިވާކަމަށް އެއާއިލާގެ މައްޗަށް ކުރެވެމުންދިޔަ ތުހުމަތުތަކާއެކުއެވެ.
އަދި، މި ތުހުމަތުތަކާއިއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ތާއީދު އެކީ ގެއްލިގެން ދިއުމުގެކުރިން، އަލުން ބާރުތައް އިތުރަށް ވަރުގަދަ ކޮށް، އިތުރު ރިޔާސީ ދައުރެއް ހޯއްދެވުމަށް، އޭނާވަނީ 2015ވަނަ އަހަރު އަވަސް އިންތިޚާބަކަށް ގޮސްފައެވެ. އެހެންނަމަވެސް އޭނާ ޖައްސަވަމުން އައި ހިސާބުތައް ސީދާނުވެ، މިއިންތިޚާބު ވެގެން ދިޔައީ އޭނާގެ އަތުން ވެރިކަމުގެ ބާރުތައް ގެއްލިގެންދިޔަ އިންތިޚާބަކަށެވެ.
މި އާންމު އިންތިޚާބުގައި، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި، މައިތިރިޕާޕަ ސިރިސޭނާއެވެ.

މަހިންދަ ރާޖަޕަކްސަގެ ހިޔަނީގައި ގޮޓަބަޔަ! އެންމެފަހުން ޖެހިވަޑައިގަތީ ގައުމު ދޫކޮށް ފިއްލަވަން!
2015 ވަނަ އަހަރު ރާޖަޕަކްސަ އާއިލާ އެއަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވި ނަމަވެސް، މަހިންދަ ރާޖަޕަކްސަގެ ސިޔާސީ ބާރާއި ނުފޫޒު އެގައުމުގައި ކުޑަވެގެނެއް ނުދިޔައެވެ. ސްރީލަންކާ ޕީޕަލްސް ޕާޓީ (SLPP)ގެ ނަމުގައި އަމިއްލަފުޅު އާއިލީ ޕާޓިއެއް ހައްދަވާ، އެޕާޓީގެ ފަރާތުން އާއިލީ ބޭފުޅުންވެސް މަޖިލިސް އިންތިޚާބުތަކުގައި ވާދަކޮށް، ޚުދު ރާޖަޕަކްސަވެސް 2015ގެ ފަހުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައި ވެއެވެ.
އަދި ޖެހިގެން އައި، މައިތިރިޕާލަ ސިރިސޭނާގެ ވެރިކަމުގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މަހިންދަ ރާޖަޕަކްސަ އަނެއްކާވެސް ބޮޑުވަޒީރުމަށްވެސް ވަޑައިގެފައި ވެއެވެ.
2015ވަނަ އަހަރު ވެރިކަން ގެއްލި ދިއުމަށްފަހު އަލުން ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް މަހިންދަ ރާޖަޕަކްސަ އުފެއްދެވި، ސްރީލަންކާ ޕީޕަލްސް ޕާޓީ (SLPP) ހިމެނިގެން ދިޔައީ އެގައުމުގެ މުޅި ތާރީޚުގައިވެސް، އުފެއްދިތާ އެންމެ ކުރު މުއްދަތެއްގައި އާންމު އިންތިޚާބު ކާމިޔާބުކޮށް، އަދި މުޅި ސަރުކާރު (ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ) އެއް ޕާޓީއަކަށް ލިބިގެންދިޔަ ހަމައެކަނި ޕާޓީ ކަމުގައެވެ.
އެހެންނަމަވެސް ސިޔާސީ ގޮތުން ރާޖަޕަކަސަ އާއިލާ ސްރީ ލަންކާގެ ސިޔާސީ މަސްރަހުގައި އެގޮތް މިގޮތުންވެސް އެޕާޓީގެ ނުފޫޒު ދަމަހައްޓަމުން ދިޔައިރުވެސް، މިހާރުގެ ރައީސް ގޮޓަބަޔަ ފާހަގަ ވެގެން ގޮސްފައިވަނީ، އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަގެ ހިޔަނީގައި ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
މިގޮތުން، 2020 ވަނަ އަހަރުގެ އޮގަސްޓުމަހު ބޭއްވިގެން އާންމު އިންތިޚާބުގައި، ރާޖަޕަކްސަގެ ޕާޓީގެ ފަރާތުން ގޮޓަބަޔަ ވާދަކޮށް، އިންތިޚާބު ކާމިޔާބުކޮށް ރާޖަޕަކްސަގެ ޕާޓީއަށް ލިބިގެންދިޔަ ބޮޑު ތާއީދާއެކީ، ބާރުގަދަ ރާޖަޕަކްސަ އާއިލާއިން ވެރިކަމުގެ ހުރިހާ ބާރުތައް އާއިލާގެ މުށުތެރެއަށް އަނެއްކާވެސް ލިއެވެ. އަދި އެގައުމުގެ ގާނޫނު އަސާސީ ބަދަލުކޮށް، ރައީސަށް ލިބިގެންވާ ބާރުތައް ވަރުގަދަ ކޮށް، ސަރުކާރުގެ ކެބިނެޓާއި އިސް ގިނަ މަގާމްތަކަށް އާއިލާގެ އެންމެ ގާތް މެމްބަރުންތައް ގެނެސްފައި ވެއެވެ.
މީގެ ތެރޭގައި ރައީސްކަމުގައި ގޮޓަބަޔަ ހުންނެވިއިރު، ބޮޑުވަޒީރު ކަމަށް މަހިންދަ ރާޖަޕަކްސް ވަޑައިގެންނެވިއެވެ. ފިނޭންސް މިނިސްޓަރުކަމަށް ދެބެއިންގެ ކޮއްކޮ ބަސިލް ރާޖަޕަކްސަ ވަޑައިގެންނެވިއެވެ. މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ޔޫތު މިނިސްޓަރު ކަމަށް ވަޑައިގެންނެވިއެވެ.
އެހާތަނުން ސްރީ ލަންކާގެ މުޅި ސަރުކާރު އަނެއްކާވެސް އާއިލީ ވިޔަފާރު ކުންފުންޏެއްގެ ގޮތަށް ސިފަ ކުރެވިގެން ދިޔައެވެ.
އެހެންނަމަވެސް ރާޖަޕަކްސަ މުޅި އާއިލާ، ރައްޔިތުންގެ ރުހުމާއެކު ވެރިކަމުގެ މަތިފަޑިއާހަމައަށް ވަޑައިގެންނެވުނު ނަމަވެސް، ރައީސް ގޮޓަބަޔަގެ ވެރިކަމުގައި ނިންމެވި އިގްތިސާދީ ނުރަގަޅު ނިންމެވުންތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގްތިސާދު އަރި އަޅާލިއެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުންނަށް ދިރިއުޅެން މަޖުބުރު ވިއެވެ.

މިގޮތުން ގޮޓަބަޔަގެ ވެރިކަމުގައި ސްރީ ލަންކާއަށް ކުރިމަތިވާން ފެށި އިގްތިސާދީ ކާރިސާއަށް ހައްލު ނުހޯދި، ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، ގައުމުގެ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްގޮސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ފައިސާ ޗާޕުކުރަން މަޖުބޫރުވެ، ތަކެއްޗާއި އާންމު ޚިދުމަތުގެ އަގު އިންތިހާއަށް މަތިވެ، ގައުމަށް އެތެރެ ކުރަންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭހަށް ފައިސާ ދެއްކޭނެ ގޮތެއްނެތި، އެގައުމު ބަގުރޫޓު ވެގެން ދިޔަ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގައި ބޮޑެތި މުޒާހިރާތައް ހިގާ، މުޅި ސަރުކާރު އިސްތިއުފާ ދިނުމަށް މަޖުބޫރު ވެގެން ދިޔައެވެ.
ސްރީ ލަންކާއަށް ގޮޓަބަޔަގެ ވެރިކަމުގައި ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވަ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.
މީ ފުން ވަޅުގަޑު އަރައި ނުގަނެވި، އެންމެ ފަހުން ގޮޓަބަޔަގެ ރަސްމީ ގެކޮޅަށް އާންމު ރައްޔިތުންގެ ވަދެގަނެ، މުޅި ގައުމުގައި ތަޅާފޮޅުން އާންމު ވުމާއެކު، އިސްތިއުފާ ދެއްވާނޭކަމަށް ވިދާޅުވެ ފިއްލަވައިގެން ވަޑައިގެން ގޮޓަބަޔަ މިހާރު ހުންނެވީ ދިވެހި ރާއްޖޭގައެވެ. އެހެންނަމަވެސް އަދިވެސް އިސްތިއުފާއެއް ނުދެއްވައެވެ.
މުޅި ގައުމު ބަގުރޫޓުވެ ތަޅާފޮޅުން އާންމުވެފައި ވާއިރުވެސް އަދިވެސް ގޮޓަބަޔަ ހުންނެވީ ވެރިކަމުގައި ބަގުޑި ބައްދަވައިގެންނެވެ. އެހެންނަމަވެސް، އެއް އިރެއްގައި ރައްޔިތުންގެ ތާއީދު އިންތިހާއަށް އޮތް، އެފަދަ ދެއްވަނައެއް ނެތް، ވެރިކަމުގެ އާރާ ބާރުގައި އޮތް ރާޖަޕަކްސަ އާއިލީ ޚާއްދާނުގެ ވެރިކަމުގެ ފަހު ސިއްކަ މިހާރު ޖެހިގެން ހިގައްޖެކަން ފެންނަމުންދާ ހުރިހާ މަންޒަރަކުންވެސް ސާފުވާން އެބަހުއްޓެވެ.