ޖޫން މަހު ރާއްޖޭގައި އުފަންވި ކުދިންގެ ޢަދަދު 300އިން ދަށްކަމަށް ވިދާޅުވެ، އާބާދީ އިތުރުކުރުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ގޮވާލައްވައިފިއެވެ. އަމްރު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ އާއިލާތަކުގެ ދުވަހުގެ މުނާސަތުގައި އާރުޑީސީން ކޮށްފައިވާ ޓްވީޓަކަށް ކޮށްފައިވާ ރިޕްލައިއެއްގައެވެ.
އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާ ޕެކްދޭ ތަފާސް ހިސާބުތަކާއެކު އަމްރު ވިދާޅުވީ، މިދިޔަ ޖޫން މަހު 300 ކުދިންވެސް އުފަން ނުވާކަމަށެވެ. އެމަހު އުފަންވީ 241 ކުދިންކަމަށް އަމްރު ހިއްސާކުރި ތަފާސް ހިސާބުގައިވެއެވެ. އަމްުރު ވިދާޅުވީ ދެކުުނުގައި ކުދީން އުފަންވީ ނިސްބަތް އަދި މާ މަދުކަމަށެވެ.
This is so wrong. We need to start increasing our population before ending up with an aged population.
Only less than 300 births in June.
Numbers in the South are even more worrying. https://t.co/K5pgbysdjj pic.twitter.com/NLPMXWRa2j— Amr 🎈 (@HusenAmr) July 11, 2022
އާބާދީ އިތުރު ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ އަމްރު ވިދާޅުވީ، އާބާދީ އިތުުރުވުން ކޮންޓްރޯލްކުރުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ. އަދި އުމުުރުން ދުވަސްވީ އާބާދީ ނިމުމުގެ ކުރީން އާބާދީ އިތުރު ކުރަން މަސައްކަތްކުރަން ޖެހޭކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޖޫންމަހު އައިޖީއެމްޗްގައި އުފަންވީ 71 ކުއްޖެކެވެ. ހުޅުމާލެ ހޮސްޕިޓަލްގައި 15 ކުއްޖަކު އުފަންވެފައިވާއިރު، ޓްރީޓޮޕްގައި 50 ކުއްޖަކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި 37 ކުއްޖަކު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި 18 ކުއްޖަކު، ގަމު ރީޖަނަލް ހޮސްޕިޓަލްގައި 16 ކުއްޖަކު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި 9 ކުއްޖަކު، ފުވައްމުލަކު ހޮސްޕިޓަލްގައި 7 ކުއްޖަކު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި18 ކުއްޖަކު އުފަންވެގެން އެސްޓީއޯއިން ހަދިޔާ ދީފައިވެއެވެ.