އިގްތިސާދީ ކާރިސާ ގޯހުންގޯހަށް! ވެރިކަން ބަދަލުވެ، ސްރީ ލަންކާއަށް ސިޔާސީ ބޮޑު އިންގިލާބެއް!

އިގްތިސާދީ ކާރިސާ ގޯހުންގޯހަށް! ވެރިކަން ބަދަލުވެ، ސްރީ ލަންކާއަށް ސިޔާސީ ބޮޑު އިންގިލާބެއް!

ގުޅުންހުރި

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަށް ލުޔެއް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ދާއިރު، މިހާލަތު އިތުރަށް ގޯސްވެ، މުޅި ސްރީ ލަންކާގައި މިހާރުވަނީ ހަމަނުޖެހުން އުފެދި، ތަންތަން ލޫޓުވުމާއި، ހުޅު ޖެހުމާއި، ފޭރުންވެސް އާންމު ވެގެން ގޮސްފައެވެ.

އަދި މި ކާރިސާއިން އަރައިގަނެވޭ މަގެއް ނުފެނި އެގައުމަށް ކުރިމަތި ވަމުންދާ ބޮޑެތި ގޮންޖެހުންތައްވެސް އޭގެ ހައްދުން ނެއްޓި، ގައުމުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ތަންތަނުގެ ތެރޭގައި ހިމެނޭ ރައީސާއި ބޮޑުވަޒީރުގެ ގެކޮޅާއި އޭގެ އިތުރުން ރައީސްގެ އޮފީސްވެސް ވަނީ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރާ ފަރާތްތަކުގެ ބާރުގެ ދަށުގައެވެ.

އޭގެ އިތުރުން، ގައުމުގައި އާންމު ވެގެން ގޮސްފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އެންމެ ފަހުން ހިގައިދިޔަ ހަމަނުޖެހުންތަކުގައި، ފާއިތުވެދިޔަ ހަފްތާ ބަންދުގައި، މުޒާހިރާ ކުރަމުންދާ ފަރާތްތަކުންވަނީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންހެގެ އަމިއްލަފުޅު ގެކޮޅުގައިވެސް ރޯކޮށްލާ، އެގެވެސް އަންދާލާފައެވެ.

އެންމެފަހުން ސްރީލަންކާގައި އާންމު ވެގެންދިޔަ ހަމަނުޖެހުމަކީ، ތެޔޮ ޝިޕްމަންޓަކަށް ފައިސާ ނުދެއްކި، ގައުމުން ތެޔޮ ހުސްވުމާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިގެންދިޔަ ރުޅިވެރިކަމުގައި ކުރަންފެށި މުޒާހިރާތައް ފުޅާވެ، އާންމުވެގެން ދިޔަ ހަމަނުޖެހުންތަކެކެވެ. މިހަމަނުޖެހުންތަކުގައި، އާންމުންގެ މީހުން ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެ، ގަޑުވަރު އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ. އެންމެ ފަހުން އެމީހުން ބުނެފައިވަނީ، ސްރީ ލަންކާގެ ރައީސްއާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަންދެން، ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ދޫކޮށް ނުލާނެ ކަމުގައެވެ.

އާންމުން ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ތެރޭގައި ތާސްކުޅުމުގައި

ނަތީޖާއެއްގެ ގޮތުން ރައީސް ގޮޓަބަޔަ އިސްތިއުފާ ދެއްވަން ނިންމަވާ، ގާނޫނުހަދާ މަޖިލިހުގެ ރައީސްވަނީ އެކަން ހާމަ ކުރައްވާފައެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގެހެވެސް ވަނީ، އާ ސަރުކާރަކަށް ފުރުސަތު ދިނުމުގެ ގޮތުން އިސްތިއުފާ ދެއްވާނޭކަން ހާމަކޮށް ޓުވީޓުވެސް ކުރައްވާފައެވެ.

 

ސިޔާސީ ބޮޑު އިންގިލާބެއް!

ސްރީ ލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑަކީ، 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު ގައުމަށް ކުރިމަތިވެފައި އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ.

އަދި އިގްތިސާދީ މިކާރިސާގައި، އެގައުމަށް ބޭނުންވާ ކާނާއާއި ބޭހަށް ފައިސާ ނުދެއްކި، ގައުމުގެ ފޮރިން ރިޒާވް މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް، ހޮސްޕިޓަލުތަކުގައި ކުރަންޖެހޭ އޮޕްރޭޝަންތައް މެދު ކަނޑާލަންޖެހި، ކަރުދާސް ނެތިގެން ސްކޫލްތަކުގެ އިމްތިހާންތައް ކުރިޔަށް ނުގެންދެވި، ތެޔޮ ގަންނަން ހަދާ ކިއުތައް ބެލެހެއްޓުމަށް ގައުމުގެ އަސްކަރިއްޔާ ނެރެންޖެހި، ގައުމުގެ ރައްޔިތުން ކަނު އަނދިރީގައި މިއަދު ތިބެންޖެހިފައިވާ ޖެހުމަކީ، ކުއްލިއަކަށް އެގައުމަށް ކުރިމަތިވެގެން އުޅޭ ހާލަތެއް ނޫނެވެ.

ސްރީ ލަންކާއަށް ކުރިމަތިވެގެން އުޅޭ އިގްތިސާދީ ބޮޑު ކާރިސާގެ އެންމެ ފުނާއި ހަމައަށް ދަތުރު ކުރާއިރު މި ހާލަތުގެ ހަގީގީ ފެށުމެއްގެ ގޮތުގައި ފާހަގަ ވާން އޮތީ އިސްތިއުފާދެއްވި ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ އެގައުމުގެ ރައީސްކަމަށް ވަޑައިގެންނެވި ހިސާބެވެ. މަހިންދަ ރާޖަޕަކްސަ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގެން، ސްރީ ލަންކާގެ އިގްތިސާދާއި ނުބައްދަލު ބޮޑެތި ދަރަނިތައް ބޭރުގެ ދައުލަތްތަކުން ނަގާ ހިންގި ބޮޑެތި ޕްރޮޖެކްތަކެވެ.

މިގޮތުން އިގްތިސާދީ މާހިރުން މިއަދު ވިދާޅުވާ ގޮތުގައި، ސްރީލަންކާ މިއަދު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑުގެ ހަގީގީ ފެށުމަކީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން އޭރު ކުރެއްވި އިގްތިސާދީ މި މުޢާމަލާތުތަކުން ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި، ގެއްލުން ބޮޑު އެތަކެއް ޑީލްތަކެއްގެ ނަތީޖާއެވެ.

އެހެންނަމަވެސް ސްރީ ލަންކާ ވެއްޓެމުން އައި އިގްތިސާދީ މި ފުން ވަޅުގަޑުން އަލުން އަރައި ނުގަނެވޭ ދަރަޖައަށް ހާލަތު ގޯސްވެ، ގައުމު ބަނޑަށް ޖެހެން މެދުވެރިވީ އެތައް ކަމެއް އޭގެ ފަހުން ހިނގާ، ނުވަތަ ނުރަގަޅު އެތައް ނިންމުންތަކެއް އެގައުމުގެ ސިޔާސީ ވެރިން ފާއިތުވެދިޔަ އަހަރު ތަކުގައި ވަނީ ނިންމަވާފައެވެ.

ސްރީ ލަންކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ވެރިކަމުގެ ބާރުތަކާއި ހަވާލުވީ ދެބެއިން: ދެބެއިންގެ ވެރިކަމުގައި މުޅި މާލިއްޔަތު އޮތީ އެއް އާއިލާއެއްގެ ބާރުގެ ދަށުގައި

ކޮންމެއަކަށް، ސްރީ ލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުންވަޅުގަޑަށް އެގައުމުގެ ވެއްޓިގެން ދިއުމުގައި ފާއިތުވެދިޔަ އަހަރުތަކުގައި، އިގްތިސާދީގޮތުން ނުރަގަޅު އެތައްކަމެއް ހިގައިގެން ގޮސްފައިވި ނަމަވެސް، މިއަދު އެގައުމުގެ ގިނަ ބައެއްގެ ރުޅިވެރިކަން ހުއްޓިފައިވާ އެއް ބޭފުޅަކީ ސްރީ ލަންކާގެ މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަ ޕަކްސައެވެ. އަދި އޭގެ އިތުރުން، އިސްތިއުފާ ދެއްވި ބޮޑުވަޒީރާއި، ރާޖަޕަކްސަ އާއިލާއެވެ.

މިގޮތުން އުފެދިފައިވާ ރުޅިވެރިކަމުގައި، މިހާރުގެ ރައީސް ގޮޓަބަޔަގެ އިސްތިއުފާއަށް އެގައުމުގެ ރައްޔިތުން ގޮވަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަފަހުން، އިސްތިއުފާދެއްވުމަށް އެތައް ފަހަރެއްގެމަތިން ދެކޮޅު ހެއްދެވުމަށްފަހު، ގޮޓަބަޔަ މިހަފްތާގައި އިސްތިއުފާ ދެއްވުމަށް އެންމެ ފަހުން އެއްބަސްވެ ވަޑައިގަތީ، އޭނާ ދިރިއުޅުއްވަމުން ގެންދެވި ރިޔާސީ ގަޑުވަރަށް މުޒާހިރާ ކުރާފަރާތްތަކުން ވަޑައިގަނެ އެތައް ލޫޓޫވާ، ދެން އިތުރަށް ރައްކާތެރިކަމެއް ނެތްކަން ޔަގީންވެ ވަޑައިގަތުމާ ހަމައިންނެވެ.

ގަބޫލު ކުރެވޭ ގޮތުގައި ގޮޓަބަޔަގެ ރަސްމީ ގެކޮޅަށް އާންމުންނަށް ވަދެވޭނީ، އޭނާގެ އަމިއްލަފުޅު ސެކިއުރިޓީވެސް އާންމު ރައްޔިތުންނަށް ފޫއަޅުވާ ލެވުމާއި ގުޅިގެންނެވެ. ނަތިޖާއަކަށް ވެގެން ދިޔައީ، ފާއިތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުން ޑިމާންޑް ކުރަމުން އައި އޭނާގެ އިސްތިއުފާއަށް އެއްބަސްވުމަށް އެންމެ ފަހުން އޭނާއަށް މަޖުބޫރުވެ ވަޑައިގަތީއެވެ.

އެއާއެކު، ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތްތާ އެންމެ 4 ވަރަކަށް މަސްދުވަސްވީ، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގހައަށްވެސް ޖެހިވަޑައިގަތީ އޭނާގެ އިސްތިއުފާ އިއުލާން ކުރައްވާށެވެ.

 

ރާޖަޕަކްސަ އައިލާގެ ސިޔާސީ ހަޔާތަށް ނިމުން!

ސްރީ ލަންކާގެ ރައީސްކަން ވެސް އަދާ ކުރެއްވުމަށްފަހު، އަދި ތިން ފަހަރެއްގެ މަތިން އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި، މަހިންދަ ރާޖަޕަކްސަގެ އާއިލާވަނީ، މިހާރުގެ ރައީސް ގޮޓަބަޔަގެ ވެރިކަމުގައި، އިހުނަށްވުރެވެސް ބޮޑަށް ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލައްވާފައެވެ. މިގޮތުން ކޮއްކޮ ގައުމުގެ ވެރިކަމުގައި ހުންނެވިއިރު، މަހިންދަ ރާޕަކްސަ ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނަވާ، ދަރިންނާއި ބޭބެއިންނަށް ކެބިނެޓް ގިނަ މަގާމްތަކެއް ދެއްވާ، އަދި އެނޫނަސް އާއިލާގެ އެތައް ބަޔަކު ސަރުކާރުގެ މަތީ މަގާމްތަކަށް ވަޑައިގެންނެވިއެވެ.

ގޮޓަބޭގެ ވެރިކަމުގައި، އެގައުމުގެ ކެބިނެޓް ގިނަބަޔަކު ސިފަކުރަމުން އައީ އާއިލީ ވިޔާފާރިއެއްގެ ގޮތުގައެވެ. ކެބިނެޓްގެ މުހިންމު މަގާމްތަކެއް ގޮޓަބޭ އަމިއްލަފުޅަށް ފުރުއްވަމުން ގެންދެވިއިރު، މުހިންމު ހުރިހާ ޕޯޓް ފޯލިއޯތަކެއް ކަހަލަ ގޮތަކަށް ދެއްވާފައިވަނީ ކޮއްކޮއިންނަށާއި ބޭބެއިންނަށް، ގޮޓަބަޔަށް ބޮޑުބޭބެ ވިދާޅުވާ ފަރާތްތަކަށެވެ.

އިގްތިސާދީ ކާރިސާއާއެކު, ސްރީ ލަންކާއަންނަމުންދާ އިންގިލާބީ ބަދަލުތަކުގައި ރާޖަޕަކްސް އާއިލާހެ ހުރިހާ ބޭފުޅުންވަނި ސަރުކާރުން އިސްތިއުފާ ދެއްވާފަ

އަދި އޭގެ އިތުރުން މަހިންދަ ރާޖަޕަކްސަ ގެންދެވީ އޭނާގެ ދަރިފުޅު ނަމާޕް ރާޖަޕަކްސަ ވެރިކަމަށް ފައްކާ ކުރައްވަމުންނެވެ.

އެހެންނަމަވެސް، ސްރީ ލަންކާއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ކާރިސާގައި، އެންމެ ފުރަތަމަ، ކެބިނެޓްގައި ތިއްބެވި ރާޖަޕަކްސްގެ އާއިލީ ބޭފުޅުންނަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެގެން ދިއުމަށްފަހުވެސް، މަހިންދަ ރާޖަޕަކްސަ ގެންދެވީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. އެހެންނަމަވެސް އިސްތިއުފާ ނުދެއްވާ ހިފަހައްޓާލެއްވުނީ ދެމަހެއްހާ ދުވަހުގެ މުއްދަތަކަށެވެ.

މިގޮތުން، ފާއިތުވެދިޔަ އެޕްރިލްމަހު ބޮޑުވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮޓަބަޔަ ރާޖަޕަކްސަ ގެންދެވީ އޭނާ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. ރައީސް ގޮޓަބަޔައަށްވެސް މިގޮތުގައި ހިފަހައްޓާ ލެއްވުނީ ކުޑަ ދުވަސްކޮޅަކަށެވެ. އެންމެފަހު، ސްރީ ލަންކާގެ ރައްޔިތުން އޭނާގެ ރަސްމީ ގެކޮޅަށް ވަދެގަނެ، މުޅި ގައުމުގައި އާންމުވެގެން ދިޔަ ހަމަ ނުޖެހުންތަކާއެކު ގޮޓަބަޔަށްވެސް މިވަނީ އޭނާގެ އިސްތިއުފާ އިއުލާން ކުރައްވާފައެވެ.

މުޅި ރާޖަޕަކްސްގެ އާއިލާ ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ގައުމު ބަގުރޫ ކޮށްލުމުގެ އިލްޒާމްތަކާއި، އޭގެ ޒިންމާތަކާއި، އަދި އެތައް ބަދުނާމަކާ އެކީއެވެ. ގިނަ ބަޔަކު މިއަދު ގަބޫލުކުރާ ގޮތުގައި ރާޖަޕަކްސަ އާއިލާ މިއަދު ވެއްޓިގެންދިޔައީ ދެން އަލުން އަރައި ނުގަނެވޭނޭ ވަރުގެ ފުން ވަޅުގަޑަކަށެވް.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ