މަލީހުގެ ހޫނު ރައްދެއް އެމްޑީޕީ ޕީޖީއަށް، ޤާނޫނު އަސާސީ ތިޔަޝަރަހަ ކުރައްވަނީ ނުބައިކޮށް

މަލީހުގެ ހޫނު ރައްދެއް އެމްޑީޕީ ޕީޖީއަށް، ޤާނޫނު އަސާސީ ތިޔަޝަރަހަ ކުރައްވަނީ ނުބައިކޮށް

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 09:05
0

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށް ވިދާޅުވެ މަނިސްޓަރ މަލީހުގެ ހޫނު ރައްދެއް ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުން އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅާފައިވާ މައްސަލާގައި މިނިސްޓަރ މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

މައްސަލަ ވައްދާނަމަ ވައްދަންވީ ޤާނޫނު އަސާސީގެ ޚިޔާލްފާޅު ކުރުމުގެ ހައްގުގެ ގޮތުގައި ކަނޑައަޅާފައިވާ 27 ވަނަ މާއްދާއައި ހަވާލާދީކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ކަނޑައެޅިގެން ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ބޭނުންކޮށް ޓީވީ ޕްރޮގުރާމެއްގައި ދެއްކި ވާހަކަތަކާއި ގުޅިގެންކަން އެންމެންނަށްވެސް ސާފުވާނެކަމަށާއި، އެއްވެސް ގޮތެއްގައި މިއުޅެނީ މިނިސްޓްރީ ހިންގާ ގޮތުގެ މައްސަލައެއް އޮވެގެން ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިނިސްޓަރ މަލީހުގެ އިތުބާރު ގެއްލިފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީޙް ހައްދަވާފައި ނުވުމާއި، އެ ކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއެވެ.

މީގެ އިތުރުން އެ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަމަށާއި، އެކަން ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރު ވާކަމަށްވެސް މި ލިއުމުގައި ބުނެފައިވެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅާފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ މަލީޙް ފާޑުވިދާޅުވެފައި ވަތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ވަގުތެއްގައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނާގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވެއްދޭނީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.