އެމްޑީޕީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިސަރުކާރުގައި ތިބެގެން ކަންކަން ކުރަމުންދާ ގޮތަށްކަމަށްވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަތަކަށް އިބްރާހިމް ވަހީދު (ފެނަކަ އިބުރޭ) ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައި ހިންގި ވަޢާވާތުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު ސަރުކާރު ތެރޭގައާއި، މަޖިލިސް ތެރޭގައި ތިބެގެން ސަރުކާރު ދަވާލަމުންދާކަމީ އޮތް އެންމެ ބޮޑު މައްސަލަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ވިދާޅުވެފައެވެ. ބޮންޑޭ މިހެން ވިދާޅުވީ ސަރުކާރު ބަދުނާމު ކުރުމަށް ޕީޕީއެމްއިން ނުކުރާ މަސައްކަތް އެމްޑީޕީ ތެރެއިން ދަނީ ކުރަމުން ކަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.
މިވާހަތަކާއި ގުޅިގެން އިބްރާހިމް ވަހީދު ވަނީ ވަރަށް ކުރު ޖުމްލައަކުން ބޮންޑޭއަށް ރައްދެއް ދެއްވާފައެވެ. އިބުރޭ ވިދާޅުވީ އެމްޑީޕީގައި ވެރިކަމަށް ކުރިމަތިލާން ރުކުން ހަމަވާ ބަޔަކަސްވެސް ތިބީ ހަމަ ތިޔަ ވިދާޅުވާ މީހުންކަމަށެވެ. އިބުރޭ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް އާސްކް ސްޕީކާ ޕްރޮގުރާމުގައި ދެއްކެވު ވާހަތަކަށް އިޝާރާތްކޮށް ކަމަށް ބެލެވެއެވެ.
އެކަމަކު ވެރިކަމުގެ ރުކުންތައް ހަމަވާ ބަޔަކަށްވެސް އެމްޑީޕީގައި ތިބީ އެމީހުންކަމަށް ވަނީ.
– އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އާސްކް ސްޕީކާގެ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ސޯލިހް އިންތިހާބުގައި ވާދަކުރެއްވިއިރު، ފޮރިން މިނިސްޓަރު ޝާހިދު ވެސް ވާދަކުރައްވާނެ ކަން ބައްދަލުކޮށް ދެންނެވި ކަމަށެވެ. ނަމަވެސް އޭރު ޝާހިދު ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭރު ވާދަ ކުރައްވަން ޖެހެނީ ރައީސް ސޯލިހު ކަމަށް ޝާހިދުގެ އަރިހުގައި ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ޝާހިދުގެ އަރިހުގައި އެފަދައިން ބުނި ނަމަވެސް ޝާހިދު އަކީ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. ފޮރިން މިނިސްޓަރ ޝާހިދަކީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު މަޖިލީހުގެ ރައީސެވެ.