މިއަދު އަވަށްޓެރި ސްރީލަންކާ އޮތް ހާލަތަށް ރާއްޖެ ނުދިޔައީ، ކޯވިޑްގެ އުދަނގޫ ވަގުތުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ކޯވިޑްގައި ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައި ނުގަނެވި ލަންކާގެ ސަރުކާރު ވެއްޓި، ވެރިން އިސްތިއުފާ ދޭންވަނީ މަޖުބޫރުވެފައެވެ. ލަންކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ ލަންކާގެ ހާލަތަށް ރާއްޖެ ގޮސްފައި ނުވަނީ ރައީސް ޞާލިހު އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުންކަމަށެވެ.
ކޯވިޑްގެ ދަތި ވަގުތުގައި ރައީސްގެ އިރުޝާދުގެ ދަށުން، ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައި އިޤްތިޞާދު ހަމަޔަކަށް އެޅުނު އެއްސަބަބުކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަންކަމަށް ބަލާއިރު ރައީސް ޞާލިހަކީ ވެރިއެއްގެ ކުފޫހަވާ ބޭފެއްކަމަށްވެސް ރާއީ ވިދާޅުވިއެވެ.
ކޮވިޑުގެ އެއްމެ ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅު ތަކަކީ، މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އަވަށްޓެރި ގައުމު ލަންކާގެ ހާލަތަށް މިގައުމު ނުދިއުމުގެ އަސްލެވެ، ވެރިއެއްގެ ކުފޫހަމަވެއެވެ.
– ރާއީ ވިދާޅުވިއެވެ.
ކޯވިޑަށްފަހު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާއިއެކު ރާއްޖެއަށްވެސް ދަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. ނަމަވެސް ސަރުކާރުންވަނީ ރާއްޖޭގައި ކުރިއަށް އޮތް 5 މަސް ދުވަހަށް ފުދޭ މިންވަރަކަށް ބޭރު ފައިސާ ހުރިކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާއަށް ބޮޑުވުމެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ރާއްޖޭގެ ދަރަނި ވަނީ 100 ބިލިޔަނަށްވުރެ މައްޗަށް އަރާފައެވެ.
ދުނިޔޭގެ މާލީ އިދާރާތަކުންވެސް ލަފާދެނީ ރާއްޖެއިން ކުރާ ޚަރަދުތައް ކުޑަކޮށް، ދަރަނި ނެގުން މަދުކުރުމަށެވެ. ނަމަވެސް ފާއިތުވެދިޔަ މަސްތެރޭގައިވެސް ސަރުކާރުންވަނީ 2 ބިލިޔަން ރުފިޔާގެ ދަރަނި ނަގާފައެވެ.
ކޮމެންޓު ފޮނުވާ