ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައި ހިންގި ވަޢާވާތުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު ސަރުކާރު ތެރޭގައާއި، މަޖިލިސް ތެރޭގައި ތިބެގެން ސަރުކާރު ދަވާލަމުންދާކަމީ އޮތް އެންމެ ބޮޑު މައްސަލަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ސަރުކާރު ބަދުނާމު ކުރުމަށް ޕީޕީއެމްއިން ނުކުރާ މަސައްކަތް އެމްޑީޕީ ތެރެއިން ދަނީ ކުރަމުން ކަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންކަމަށް ބެލެވެއެވެ.
ރޮޒޭނާ ވިދާޅުވީ، މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ޕާޓީތެރެއިން ސަރުކާރު ބަދުނާމުކޮށް އަގުވައްޓާލަން ކުރަމުންދާ މަސައްކަތް ކަމުގައެވެ. މިމަސައްކަތް އިދިކޮޅު ޕީޕީއެމްއިން ނުކުރާ ވަރަށް އެމްޑީޕީ ތެރެއިން ކުރަމުންދާކަމީ އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާގެ ވާހަތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 2012 ވަނަ ހިންގި ބަޢާވާތުގައި އިސްކޮށް ހަރަކާތެރިވި ބާޢީން ސަރުކާރުގެ ތެރޭގައާއި، މަޖިލިސް ތެރޭގައި ތިބެގެން ސަރުކާރު ދަވާލާ ދަވާލުންކަމަށެވެ. މިކަން ނުހުއްޓުވެނީސް ސަރުކާރު ހަމަޔަކަށް ނޭޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ބޮޑު މައްސަލައަކީ 7 ފެބްރުއަރީގައި ބަޢާވާތްކުރި ބާޢީން އެމްޑީޕީ ތޮފި އަޅައިގެން ސަރުކާރު ތެރޭން މަޖިލިސް ތެރޭން ދައުލަތް ދަވާލާ މައްސަލަ.
– ބޮންޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދު ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ މީހުންނަކީ މިއަދު ސަރުކާރު ކޯލިޝަން ތެރޭގައި އެންމެ ވަރުގަދަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، ރައީސް މައުމޫންވެސް ހިމެނި ވަޑައިގަންނަވައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައީ ބަޢާވާތަކުންކަން އެގެން އޮތްއިރު، އެމައްސަލައިގައި މިހާތަނަށް މާބޮޑު އިންސާފެއް ލިބިފައި ނުވެއެވެ.
ދެފެކްޝަނަށް ބައިވެފައިވާ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ދަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދު މިވަގު އޮތް ހާމަލުން އަރައި ގަތުމަށް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައި ނިންމުމަށް ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ދަނީ ފާޑު ވިދާޅުވަމުންނެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ އެކި ސިޔާސަތުތަކާއި، ސަރުކާރުގެ ކުންފުނިތަކަށާއި، ހިންގަމުންދާ މަޝްރޫޢުތަކަށްވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ފާޑުވިދާޅުވަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުވާނެކަމަށްވެސް އެޕާޓީގެ އެންމު ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.
އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނިމިދިޔަ އެޕާޓީގެ ޗެއާޕާސަންގެ އިންތިޚާބެވެ. އެއިންތިޚާބަށްފަހު ރައީސް ނަޝީދު ގެންދަވަނީ ވަރަށް ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ރާއްޖެއަށް އޮތް އެންމެ ރަނަގޅު ގޮތަކީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވުންކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ