ރާއްޖެ އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓިގެންދާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތައް އޮތީ ކަނުބަދެވިފައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އިޤްތިޞާދީ ބޮޑު ކްރައިސިއްގައި ޤައުމު އޮތް އިރުވެސް ސަރުކާރުން ފާއިތުވި ޖޫން މަހުގައި އެކަނި ބޭރުގެ ފަރާތްތަކުން 2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. އިތުރަށް ސަރުކާރުން ލޯނުތަކެއް ނަގާފައި މިވަނީ ބޭރުގެ އެއްވެސް ފަރާތަކުން ލޯނު ނުނަގާނެކަމަށް ރައީސް ޞާލިހު އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ސައީދު ވިދާޅުވީ ޤައުމު އިޤްތިޞާދު ފުޑުފުޑު ވެގެންދާއިރު ވެރިކަން ކުރާ ކޯލިޝަން އޮތީ ކަނުބަދެވިފައިކަމަށެވެ. ސަރުކާރުން އިޤްތިޞާދީ އެތައް ގޯހެއް ހަދާއިރު އެމްއެމްއޭއިން އެބޭފުޅުންގެ ދައުރު އަދާކުރުމަށް ކެރިގެން ނިކުންނަން ޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.
ބޮޑު ކޯލިޝަންވަނީ ކަނުބަނދެވިފަ، ގަވަރުނަރަށް ނުފެންނަ ކަމަށްހެދިޔަސް، ސަރުކާރުދަނީ މަތިމައްޗަށް ގޯސްހަދަމުން. ގޮންނުޖައްސަވާ، ފިނޭންސް މިނިސްޓަރ އެއްފަރާތްވެ، މަރުކަޒީބޭންކު އަޅުވެތިކަމުން ސަލާމަތްވެ ބަސްބުނަންޖެހޭ. ރައީސް އޮފީސް އެއީ މިހާރު ނެތްތަނެއް.
– ސައީދު ވިދާޅުވިއެވެ.
ޖޫން މަހުގައި ފުރަތަމަ ނަގާފައިވާ ލޯނަކީ އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ނަގާފައިވާ ލޯނެކެވެ. އެއީ 8،775،000 އެމެރިކާ ޑޮލަރުގެ ލޯނެކެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 135،310،500 ރުފިޔާގެ ލޯނެކެވެ.
ދެން ސަރުކާރުން ނަގާފައިވަނީ ގުޅިފަޅު ހިއްކުމާއި އެ ތަނުގައި ތަރައްޤީކުރާ ގުޅީފަޅު ބަނދަރުގެ މަސައްކަތް ކުރުމަށް އައިއެންޖީ ބޭންކުން ނަގާފައިވާ ލޯނެކެވެ. އެއީ 101،787،500 ޔޫރޯގެ ލޯނެކެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 159،396،0314.17 ރުފިޔާ ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެކެވެ.
ތިންވަނައަށް ނަގާފައިވާ ލޯނަކީ ރާއްޖޭގެ ކޮވިޑު ހެލްތު ފެސިލިޓީއެކެވެ. އެއީ ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން ނަގާފައިވާ ލޯނެކެވެ. އެއީ 18،400،000 ޔޫރޯ ނުވަތަ 288،138،227 ދިވެހި ރުފިޔާގެ ލޯނެކެވެ.
ރުފިޔާއިން ބަލާނަމަ ޖޫން މަހުގައި ސަރުކާރުން ނެގި ލޯނުތަކުގެ ޖުމްލަ އަދަދުވަނީ 2،017،409،041 ރުފިޔާއަށް އަރާފައެވެ. އެއީ 2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. ސަރުކާރުން މިހާތަނަށް ނަގާފައިވާ ލީނުތަކާއިއެކު ދައުލަތުގެ ދަރަނިވަނީ 100 ބިލިޔަނަށްވެއް މައްޗަށް އަރާފައެވެ.