ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަފްތާއަކަށްވުރެ ދިގުމުއްދަތަކަށް ދެމިގެންދާނެހެން ޢީދުކުޅިވަރުތައް މާލެ އަތޮޅު ދިއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ދިއްފުށީ ކައުންސިލާއި އެސޯސިއޭޝަން ފޯ ދިއްފުށީ ޑިވެލޮޕްމެންޓް ގުޅިގެން މިއަހަރު އެރަށުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް "ދިއްފުށީ ޢީދު ފޯރި"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތައް 11 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޢީދުގެ ހަރަކާތްތައް ހުކުރު ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ މަސްރޭހަކުން ނެވެ. އެއަށްފަހު ޢީދު ވިލޭ ރޭ 9 ޖަހާއިރު ޢީދު ވެދުމާއި ދިއުމާއި 9 ބައިގާ ހަވާއެރުވުން އޮންނާނެ ކަމަށް ދިއްފުށީ ކައުންސިލުން މައުލޫމާތު ދެއެވެ. މިއާއެކު ޢީދު ވިލޭރޭގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ މަސްރޭހުގެ ނަތީޖާ ފާޅުކުރުމާއި ބޮޑުބެރު ޝޯއަކުންނެވެ.
ޢީދު ދުވަސް ފެށުމުގެ ގޮތުން ޢީދު ނަމާދަށްފަހު ޢީދު ސަޔާއި ފެންކުޅި އޮންނާނެ ކަމަށް ވެސް ދިއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ. ޢީދު ދުވަހު ހަވީރު ބިދަބިން ބޮޑުބެރު ގުރޫޕުގެ ފަރާތުން ބާއްވާ ސަގާފީ ކުޅިވަރު ތަކާއި އެގުރޫޕުގެ ބޮޑުބެރު ޝޯއެއް ޢީދު ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
ޢީދުގެ 2 ވަނަ ދުވަހު ހަވީރުވެސް ސަގާފީ ބައެއް ކުޅިވަރުތައް ކަމަށްވާ ދިގުމަގު އަދި ދަފި ނެގުން ދިއްފުށީގައި އޮންނާނެއެވެ. އެ ރޭގެ ސްޓޭޖް ޝޯގައި ހިޔަލަ ޑާންސް ގުރޫޕުގެ ހަރަކާތްތައް އޮންނާނެއެވެ.
ޢީދުގެ 3 ވަނަ ދުވަހު ހަވީރު މާލި ޕެރޭޑާއި ބޮޑުމަސް ބޭނުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި އެރޭގެ ސްޓޭޖް ޝޯ ކުރިއަށް ދާނީ ދިއްފުށީ ބޮޑުބެރު ގުރޫޕާއެކުގައެވެ. އަންގާރަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައި ވާއިރު އެދުވަހުގެ ރޭ ސްޓޭޖްގައި އޮންނާނީ މަޝްހޫރު ގޮމަ ގުރޫޕުގެ ޝޯއެއް ކަމަށް ދިއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.
ޢީދުގެ މުނާސަބަތުގައި ބާއްވާ ބަށި މުބާރާތް ފަށާނީ ބުދަ ދުވަހުގެ ހަވީރުއެވެ. ބުދަ ދުވަހުގެ ރޭ ސްޓޭޖް ހަރަކާތްތައް ނިންމާލަން ހަމަޖެހިފައި ވަނީ ރަސްހިޔަލަ ޑާންސް ގްރޫޕުގެ ޝޯއަކުންނެވެ. އެއަށް ފަހު ބާކީ 4 ދުވަހު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ބަށި މުބާރާތުގެ މެޗްތަކެވެ. މީގެ އިތުރުން 14 އަދި 15 ޖުލައި ވާ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ އަންހެނުންގެ ހާއްސަ ފުޓްސެލް މެޗްތަކެއް ބޭއްވުންވެސް ޢީދުގެ ކުޅިވަރުތައް ތެރޭ އޮންނާނެ ކަމަށް ދިއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.
މިއަހަރުގެ އަޟްޙާ ޢީދާ ގުޅިގެން ހަފްތާއެއް ހާ ދުވަހުގެ ބަންދެއް ލިބޭއިރު މިހާ ދިގު މުއްދަތަކަށް ޢީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެއް ރަށަކީވެސް މާލެ އަތޮޅު ދިއްފުއްޓެވެ.