އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވެވޭނީ މިމަހުގެ 15 ކުރިން އުފައްދާ ގޮފިތަކުގެ ރައީސުންނަށް ކަމުގައި އެމްޑީޕީން ބުނެފިއެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާއި ގުޅޭގޮތުން އެޕާޓީން ބުނެފައިވަނީ ކޮންގްރެސްގައި ބައިވެރިވެވޭނީ، މިމަހުގެ 15ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމުގައެވެ.
ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް ދީފައިވާ މުއްދަތު މިމަގުގެ 15 އަށް ހަމަވާއިރު، މިމުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މިބަންދު ދުވަސްތަކުގައި ހުށަހަޅުއްވާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތަށް އެކްސެލް ފޯމެޓުގައި [email protected] އަށް ހުށަހެޅުއްވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި މިގޮތަށް ހުށަހަޅުއްވާ ގޮފިފޯމްތަކުގެ އަސްލު މިމަގުގެ 17 އަދި 18 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން ހުށަހެޅުއްވުމަށް ވަނީ އަންގާފައެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.
ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.
އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ