އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ދެން ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ނެތްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މޫކެ ވިދާޅުވީ، މިހާރިުގެ ސިޔާސީ މަސްރަހު ވަރަށް ސާފުކަމަށާއި، ވެރިކަން އައިސް ހުއްޓެންވީ ކިހާ ހިސާބަކަށް އެނގޭކަމަށާއި، އެހިސާބަށް ހަނގުރާމަ ހިނގާނެކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ރައީސް ނަޝީދު ވާދަކުރެއްވިނަމަވެސް، މިހާރު ރައީށް ޞާލިޙް ބަލި ނުކުރެވޭނެކަމަށެވެ.
އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ރައީށް ޞާލިހާ އެކީގަ. ބަލިވިޔަސް މޮޅުވިޔަސް ރައީށް ޞާލިހާއެކީގަ އަޅުގަނޑުމެން މިތިބީ. އެތެރޭގެ އިންތިޚާބެއްގައި ރައީސް ޞާލިޙެއް ބައްޔެއް ނުކުރެވޭނެ ޕްރައިމަރީއެއްގަ ރައީށް ނަޝީދު ކުރިމަތިލެއްވިޔަސް. އަނެއްކަމަކީ ރައީސް ނަޝީދާއެކު އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ނެތް، ބަރުލަމާނީވިޔަސް އަދި ކޮމިއުނިޒަމް ވިޔަސް. އެއްވެސް ފޯމިއުލާއެއް އަޅުގަނޑަކަށް ނުފެނޭ ރައީސް ނަޝީދާއެކީގަ އެމްޑީޕީއަށް ވެރިކަން ހޯދޭނެ ދިވެހިރާއްޖެ މިއޮތް ގޮތުން.
– މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވިއެވެ.
ރައީސް ނަޝީދާއެކު ވެރިކަން ނުލިބޭނެކަން މިހާރު ރާއްޖޭގެ އެންމެންވެސް ޤަބޫލުކުރާނެކަމަށާއި، އެއީ އެމްޑީޕީގެ މެންބަރުންވެސް ޤަބޫލުކުރާ ގޮތްކަމަށެވެ.
Raees Nasheed a eku dhen MDP ah verikan hodheyne evves formula eh nei… Ei barulamaani ge therein ves nei furusathe: Mookey pic.twitter.com/Ug5zq8vusJ
— Sangu TV (@Sangu_TV) July 5, 2022
މޫކޭ މިހެން ވިދާޅުވެފައިވާއިރު، ޒަމާނުއްސުރެ ރައީސް ނަޝީދާއި ރައީސް ޞާލިހާއޮތް ގުޅުންވަނީ ހީނަރުވެފައެވެ. އެގޮތުން ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިޙާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޞާލިޙް ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވުމާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ގޯސްވެ ޚިޔާލުތަފާތުވުން އުފެދިފައެވެ.
މިއާއެކު ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ރައީށް ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް ކެމްޕެއިންކުރައްވަމުންނެވެ.
ރައީސް ނަޝީދު އިއްޔެވެސް ވަނީ ސަރުކާރާއި ރައީސްއާއި މެދު ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ، އެމަނިކުފާނަކީ އެމްޑީޕީގެ ރައީސްއެއްގެ އިތުރުން މަޖިލިސް މެންބަރެއްނަމަވެސް ސަރުކާރުން އެމަނިކުފާނާއި އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށް ހާމަކުރައްވާފައެވެ.