އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ކުރުމުގެ ކުރިން ފުރަތަމަ ކުރަންވީކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަން ހުއްޓުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ބޮންޑޭ ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަކުރުންކަމަށެވެ. އެއާއިއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވައި ބޭކާރު ކުންފުނިތައް މިހާރުން މިހާރަށް އުވާލުންކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ރައްޔިތުމީހާގެ ބަތްތައްޓަށް އަތް ބޭނުމުގެ ކުރީން ފުރަތަމަ ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތައް، މައިތިރި ކުރަންވީ ސަރުކާރުގެ 32 ކުންފުނިން ހިންގަމުންދާ ކޮރަޕްޝަންތައް. އުވާލަން ބުނި ބޭކާރު ކުންފުނިތައް އުވާނުލާ ޖީއެސްޓީ އިތުރު ކުރުމަކީ ފޫނެތްފަޔަށް ފެން ފުރުންފަދަ ކަމެކެވެ.
– ބޮންޑޭ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރަށް ބަލާފައި ސިޔާސަތުކަށް ބަދަލު ނުގެންނަނަމަ 2025 ވަނަ އަހަރަށް ދާންވާއިރަށް ދަޢުލާތުގެ ޢާމްދަނީ 30 ބިލިޔަން ރުފިޔާއަށް އަރާނެ. ޚަރަދުތައް ކުޑަ ނުކޮށްފިނަ 2023 ވަނަ އަހަރު 46 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެ. މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ބޭރުގެ ޢިޤްތިޞާދީ ހާލަތަށް ބަލާފައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން. ފައިނޭންސް ކުރިނަމަވެސް އެކަން ކުރަންޖެހޭނީ ބޮޑު އަގުގައި. ކޯވިޑްގެ ހާލަތުގައި ސްކޫކް އިޝޫ ކުރި ރޭޓަށްވުރެ ދުނިޔޭގެ އިންފްލޭޝަން ރޭޓް އިތުރުވެގެން އެބަދޭ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވިނަމަވެސް ޚަރަދުތައް ހިފަހައްޓަންޖެހޭ.
އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށްވެސް އެއްވެސް ބުރޫއެއް އެރުމެއް ނެތި ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުނުން މިއަހަރުގެ މިހާތަނަށް 910 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިކަމަށްޓަކައި 2021 ވަނަ އަހަރުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 546 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ވަނީ ފެނާއި ކަރަންޓުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމުގެ ގޮތުން 298 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރު ރާއްޖޭގެ އިޤްތިޞާދު 13 އިންސައްތައާއި 16 އިންސައްތައާ ދެމެދުން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް އިއާދަވަމުންދާ އިޤްތިޞާދުގެ އިތުރުން، އޭޝީއާގެ ޤައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކޯވިޑްގެ ތެރޭގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ހާސިލުކުރެވެމުންދާ ކާމިޔާބީއެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ