ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭެއެސްސީން ނިންމުމާގުޅިގެން، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ޖޭއެސްސީން ފޮނުވއިފިއެވެ.
އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް މިކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލަ ހިންގި މައްސަލާގައި އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި 2015 ވަނަ އަހަރު ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ މައްސަލައިގެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤު މުޙައްމަދު ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ.
ދ.މާއެނބޫދޫ ކޯޓުން މިމައްސަލަ 2015 ގައި ނިންމާފައި ވަނިކޮށް، އެ މައްސަލަގައި ދެ ޤަޟިއްޔާ އަލުން ހިންގާފައިވަނީ އެ ޤަޟިއްޔާގައި ކުރިން ޙުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު އެނގިހުރެ ގަސްތުގައިކަން، އެދެމައްސަލަ ހިންގުމުގެކުރިން، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށް ފޮނުވި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/423-M8C (7 ޖުލައި 2015) ފެކްސް މެސެޖުން އެގޭކަމަށެވެ. އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ބުނެ ތަޙްޤީޤަށް އޮޅުވާލާފައިވާކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން، އެފެކްސް މެސެޖުގައި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/M7C/30 ޤަޟިއްޔާއާއި، 2014/M7C/34 ޤަޟިއްޔާ ބާޠިލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަދި 6.1 އާއި ޚިލާފަށް ކަމަށްވާތީ އެދެ ޤަޟިއްޔާ އަލުން އެކޯޓުގައި ހިންގުމަށް އަންގައި ބަޔާންކޮށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށްފައިވާކަމަށެވެ.
މި މައްސަލައިގައި ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ވަކިކުރުމަށް ނިންމިއިރު، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގް މުޙައްމަދު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިޙްތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށްބުނާ މައްސަލައަކާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2018/M8C/87 ޤަޟިއްޔާގެ ޝަރީޢަތަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ތަޙްޤީޤުކުރެވެމުންދާކަމށް ޖޭއެސްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަން ފެށުމާ ގުޅިގެން 07 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުންނެވީ ސަސްޕެންޑްކުރެވިފައިކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ